މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރީ ބީޗް ހައުސް އުމުރުން 35 އަހަރުގެ އިސްމާއީލް އާސިފްއެވެ.
މި މައްސަލާގެ ތަފްސީލެއް ފުލުހުން ނުދެއެވެ. އެހެންނަމަވެސް މި ހާދިސާގެ ރިޕޯޓް ލިބުނީ ރޭ 11:30 ގައިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރޭ 10:30 ކަންހައިރު ހިނގި މި ހާދިސާގައި ވަޅި ހަރާ ޒަހަމްކޮށްލާފައިވަނީ ރ. މަޑުއްވަރީ ބީޗްހައުސް މުހައްމަދު މުއީންއެވެ. އެރަށުން ވާހާކަ ދެއްކި މީހަކު ބުނީ މުއީންގެ ބޮލަށް ލިބުނު ޒަހަމްތަކަށް ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު ފަތިހުގެ ވަގުތެއްގައި އޭނާ އުނގޫފާރު ހޮސްޕިޓަަލަށް ބަދަލުކޮށްފައިވާކަމަށެވެ.
މުއީނާ އޭނާގެ ކޮއްކޮ އިސްމާއިލް އާސިފާ ދެ މެދުގައި އެނގިފައިވާ ގޮތުން ޒުވާބު ހިނގީ 20 ރުފިޔާގެ މައްސަލައެއްގައި ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އަދި މުއީނާ ހަވާލާދި އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ ހަމަލާފައި ވަނީ ކަތިވަޅިއަކުން ކަމަށެވެ. އަދި އޭނާގެ ބޮލުގެ ދެތިން ތަނުން ޒަހަމްތައް ފެންނަ ހުރިކަމަށް އެމީހާ ބުނެއެވެ.
އެއްބަނޑު އެއްބަފާ ބޭބެއަށް ވަޅިން ހަމަލާދިން އުމުރުން 36 އަހަރުގެ އިސްމާއިލް އާސިފަކީ ލަނޑާ ނަގާ ދޯންޏެއްގައި ހިނގި ދެބަސްވުމެއްގެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން ތުހުމަތިގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ މީހެކެވެ. އެނގިފައިވާ ގޮތުގައި އޭނާ އެ މައްސަލާގައި 10 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ވަނީ ދޫކޮށްލާފައެވެ.