ރައީސް ޑރ. މުއިއްޒުގެ ވައުދާ އެއްގޮތަށް ހިޔާ ފްލެޓްގައި އިތުރު ލިފްޓް އަޅުވައި ޓެސްކުރަން ފަށައިފި
ދެންމެ | 08 އޭޕްރިލް 2025

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ހަތަރު ޓަވަރެއްގައި ލިފްޓު ހަރުކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން ، އެޗްޑީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު އަހުމަދު އިބްރާހިމް ވިދާޅުވީ ހިޔާ ފްލެޓްތަކުގައި އަލަށް ބަހައްޓާފައިވާ އިތުރު ލިފްޓްތަކުގެ ޓެސްޓުތައް މިއަދު ފަށާފައިވާ ކަމަށެވެ. އަދި މިއާއެކު ހިޔާގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ ލިފްޓު ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ލިބޭނެ ކަން ފާހަގަ ކުރައްވާފައިވެއެވެ.

ފްލެޓްތަކުގެ ލިފްޓް މަދުވުމުގެ ސަބަބުން މިހާރު، ލިފްޓް ކައިރީގައި މީހުން ތޮއްޖެހި، ގިނަ ވަގުތު ހޭދަކުރަންޖެހެއެވެ. ހިޔާގެ ކޮންމެ ޓަވަރެއްގައި 400އެއްހާ ފްލެޓް ހިމެނެއެވެ. ކޮންމެ ޓަވަރެއްގެ އާބާދީ 2000އާއި ގާތްކުރެއެވެ. މިހާރު ފްލެޓެއްގައި ހުންނާނީ 3 ނުވަތަ 4 ލިފްޓެވެ.ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގްރޫޕާއި ހަވާލުކޮށްގެންނެވެ. އެއީ ބަލި މީހުން އުފުލޭނެ އިންތިޒާމާއެކު، ސްޓްރެޗަރ އެރުވޭގޮތަށް ހުންނަ ލިފްޓުތަކެކެވެ. 14 މީހުންގެ ޖާގައިގެ މިލިފްޓުތަކުގައި ލޮލަށް ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް އެނގޭނެހެން ފްލޯ ނަމްބަރު ބްރެއިލް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!