ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، އުޅަނދުފަހަރުގެ ވެރިންނާއި، އޮޕަރޭޓަރުންނާއި އަދި ކެޕްޓަނުންނަށް އަމާޒުކޮށްގެން ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ބުނީ މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި އަމާޒުކުރެވިފައިވަނީ އަތޮޅުތަކުން މާލެއަށް އަންނަ މީހުންނާއި މުދާ އުފުލާ އުޅަނދުފަހަރުގެ ތެރެއިން މާލޭގެ ނޯތު ހާބަރަށް އަންނަ އުޅަނދުފަހަރަށްކަމަށެވެ. މި ޕްރޮގްރާމުގެ ދަށުން އިއްޔެއިން ފެށިގެން މި މަހުގެ 17 އަށް މާލޭގެ ނޯތު ހާބަރު ސަރަހައްދުގައި ބަނދަރުކޮށްފައިވާ ހުރިހާ އުޅަނދުފަހަރަކަށް ޒިޔާރަތްކޮށް، އުޅަނދުފަހަރުގެ ސަލާމަތާ ގުޅޭ ތަކެއްޗާއި ކަންކަން ފުރިހަމަވެފައި ހުރި މިންވަރު ބަލައި، ސަލާމަތާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓަރީން ބުނީ މި ޕްރޮގްރާމަކީ މުޅި އަހަރު ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ޕްރޮގްރާމެއްކަމަށާއި މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ކަނޑު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، ކަނޑުމަތީގައި ހިނގާ ހާދިސާތައް މަދުކުރުންކަމަށެވެ.
މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާކަމުގެ ހެއްކެއްކަމަށާއި މި ޕްރޮގްރާމްގެ ސަބަބުން އުޅަނދުފަހަރުގެ ވެރިންނާއި އޮޕަރޭޓަރުންގެ ހޭލުންތެރިކަން އިތުރުވެ، ކަނޑުމަތީގެ ދަތުރުފަތުރު އިތުރަށް ރައްކާތެރިވެގެންދާނެކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.