އެމްޑީޕީން ބަގުރޫޓޭމެން ކާލި ވެންޓިލޭޓަރުތައް ހޯދަން މަޖިލީހުން ފުލުހުންނަށް ހުށަހަޅައިފި
ދެންމެ | 11 އޭޕްރިލް 2025

ކޮވިޑްގެ ދުވަސްވަރު ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ގެންނަން އުޅުނު ވެންޓިލޭޓަރުތައް ނުލިބުނ މައްސަލައިގައި އެ ކުންފުނިން ދިވެހި ސަރުކާރަށް ދައްކަން އާބިޓްރޭޝަނުން އެންގި 32 މިލިއަން ރުފިޔާ ދައްކާފައި ނުވާތީ އެ ކުންފުންޏާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފުލުހުންނަށް ހުށަހަޅައިފި އެވެ.

މިދިޔަ މަހުގެ 11 ވަނަ ދުވަހު މާލިއްޔަތު ކޮމިޓީން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއަށް ފޮނުވި، ސިޓީގައި ބުނެފައިވަނީ މިއީ ރާއްޖެއިން ބޭރުގެ ކުންފުންޏަކާ ދެކޮޅަށް ހިންގޭ ޖިނާއީ ތަހުގީގަކަށްވާނެތީ ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނާއި އެހެން އިޖުރާއަތްތައް ފުރިހަމަ ކޮށްގެން ތަހުގީގުކުރަން މާލިއްޔަތު ކޮމިޓީން އެދޭ ކަމަށެވެ.

މާލިއްޔަތު ކޮމިޓީން ފޮނުވި ސިޓީގައި ބުނެފައިވަނީ އެ މައްސަލައަކީ މުދަލުގެ އަގު ލިބިގަތުމަށްފަހު މުދާ ހަވާލުކޮށްފައިނުވާތީ، މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ފަހު މުދާ ފޯރުކޮށްނުދިން މައްސަލައެއްގެ ގޮތުގައި ކަނޑައެޅޭނެ ކަމަށެވެ.

މާލިއްޔަތު ކޮމިޓީން މި މައްސަލަ ފުލުހުންނަށް ހުށަހެޅި އިރު ބަންޑާރަ ނައިބު އަހްމަދު އުޝާމް މިދިޔަ އަހަރުގެ މާޗް 6 ވަނަ ދުވަހު ވިދާޅުވެފައިވަނީ އެގްޒެކިއުޓާސް އިން ދޭންޖެހޭ ފައިސާ ހޯދަން ދުބާއީގެ ކޯޓުތަކަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އާބިޓްރޭޝަން ކުރިއަށް ދިޔައިރު، ވެސް އެއީ ވީ ތަން ނޭނގޭ ކުންފުންޏެއް ކަމަށާއި އެއްވެސް ބަޔާނެއް ވެސް ހުށަހަޅާފައިނުވާ ކަމަށް އޭރު އޭނާ ވިދާޅުވި އެވެ.

”މިހާތަނަށް މި މައްސަލައިގައި ކަން ހިނގާފައި އޮތް ގޮތަށް ބަލާއިރު ވަރަށް އަންލައިކްލީ [މި ފައިސާ ލިބުމުގެ]، އެހެން ނަމަވެސް މި ފައިސާ ހޯދުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް އަޅުގަނޑުމެން ކުރާނަން،“ އުޝާމް ވިދާޅުވި އެވެ.

އެކަމަކު މި މައްސަލައިގައި ފަހުން ވީގޮތެއް ނޭނގެ އެވެ.

ކޮވިޑުގެ ދުވަސްވަރު، 2020 ވަނަ އަހަރު ހެލްތު މިނިސްޓްރީން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގެންނަން މަސައްކަތް ކުރި ނަމަވެސް، އޭގެ ތެރެއިން ގިނަ އެއްޗެހި ލިބިފައެއް ނުވެ އެވެ. އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމުން އެކުންފުނިން ދިވެހި ދައުލަތަށް 1.8 މިލިއަން ޑޮލަރު (28 މިލިއަން ރުފިޔާ) އާއި ލިކުއިޑޭޓް ޑެމޭޖުގެ ގޮތުގައި 223،750 ޑޮލަރު (3.4 މިލިއަން ރުފިޔާ) ދޭން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ކޮވިޑުގެ ނުރައްކާ ރާއްޖެއަށް އެންމެ ބޮޑުވިއިރު 75 ވެންޓިލޭޓަރު ހޯދުމަށް، ބޭންކް ގެރެންޓީއަކާ ނުލައި ދިވެހި ސަރުކާރުން އެ ކުންފުންޏަށް 34 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ. އެއްފަހަރާ އެހާ ބޮޑު އަދަދެއް ދޫކުރިއިރު، ވެންޓިލޭޓަރު ފޯރުކޮށްދިނުމުގެ ގާބިލްކަން ހުރިތޯ ވެސް ނުބަލަ އެވެ. ކުންފުންޏާ ބެހޭ އެއްވެސް ތަފްސީލެއް ހޯދާފައި ނުވާކަން އޮޑިޓް ރިޕޯޓާއި އޭސީސީގެ ތަހުގީގު ރިޕޯޓުން އެނގެ އެވެ. އެކަމަކު، އެއްބަސްވި ގޮތަށް އެ ކުންފުނިން ވެންޓިލޭޓަރުތަކެއް ވެސް ނުފޮނުވަ އެވެ. ވެންޓިލޭޓަރުތަކުގެ ފުރަތަމަ ޝިޕްމަންޓްގެ ބައެއް އެގްޒެކިއުޓާސް އިން ރާއްޖެ އަށް ފޮނުވި ނަމަވެސް އެ ބޭނުމެއް ނުކުރެވުނެވެ. ބާކީ ވެންޓިލޭޓަރުތައް ހަވާލުނުކުރުމުން ހެލްތު މިނިސްޓްރީން ވަނީ 31 މިލިއަން ރުފިޔާ އަނބުރާ ރައްދުކޮށްދިނުމަށް އެދިފަ އެވެ. އެކަމަކު އެ ފައިސާ ވެސް ނުދިނެވެ.

ކުރީ ސަރުކާރުގައި ފެންމަތިވި މި މައްސަލައާ ގުޅިގެން، އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ބައެއް މުވައްޒަފުންގެ މައްޗަށް މައްޗަށް ދައުވާކޮށްދޭން އެދި އޭސީސީން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީފަށް ފޮނުވި އެވެ. ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން، ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާކޮށްދޭން އޭސީސީން އެދުނު ނަމަވެސް ނިންމީ ޖިނާއީ ކުށެއް ސާބިތުވާ ފަދަ ހެކި ނެތް ކަމަށް ބަލައި ދައުވާ ނުކުރާށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!