ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) ގެ ސަނާބިލް ޢިމާރާތްކުރަން ފެށުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ސަނާބިލް ބިލްޑިން ކޮންސްޓްރަކްޝަން ސައިޓުގައި މިއަދު ހަވީރު ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގެ އައިޔޫއެމްގެ ސަނާބިލް ޢިމާރާތްކުރަން ފައްޓަވައިދެއްވުމުގެ ގޮތުން ކޮންކްރީޓް އަޅުއްވައިދެއްވާފައެވެ.
ދިވެހިރާއްޖޭގެ އައިޔޫއެމްގެ ސަނާބިލް މަޝްރޫޢަކީ އެ ޔުނިވާސިޓީއަށް ދެމެހެއްޓިނިވި ގޮތެއްގައި އާމްދަނީ ހޯދުމުގެ ގޮތުން ހިންގޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ޔުނިވާސިޓީގެ ބިމެއްގައި 7 ބުރީގެ ”މިކްސްޑް-ޔޫޒް ކޮމްޕްލެކްސް“ އެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އިމާރާތުގައި އޮފީސް ސްޕޭސްތަކާއި، ފުޑް ކޯޓާއި، މީޓިންގ ރޫމްތަކާއި، އޮޑިޓޯރިއަމް އަދި ކޮމާޝަން ޕާކިންގެ ޖާގަތައް ހިމެނޭނެއެވެ.
މި މަޝްރޫޢަކީ އިސްލާމިކް ފައިނޭންސްގެ ޞުކޫކް މޮޑެލްގެ ދަށުން، ފައިސާ ހޯދައިގެން ޢިމާރާތެއް އެޅުމަށް ރާއްޖޭގައި ހިންގޭ އެންމެ ފުރަތަމަ މަޝްރޫޢެވެ. މި މަޝްރޫޢު ހިންގުމަށް ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓްގައި 1 މަސްދުވަހުގެ މުއްދަތަށް އައިޔޫއެމްގެ ޞުކޫކު (ޞުކޫކު އިސްތިސްނާޢު) ސަބްކްރިޕްޝަންއަށް ހުޅުވާލީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 11 ވަނަ ދުވަހުގައެވެ. އަދި މުއްދަތު ހަމަވިއިރު ސަބްސްކްރައިބްކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސްލާމިކް އިންނެވެ.
މި ޢިމާރާތް ނިންމުމަށް ކަނޑައަޅާފައިވަނީ 18 މަސްދުވަހުންނެވެ.
މުވައްސަސާތައް ހިންގުން ހަރުދަނާ ކުރެއްވުމަށާއި، ބާރުވެރިކުރުވުމަށް ސަރުކާރުން ދަނީ އެމުވައްސަސާއަކަށް ބޭނުންވާ އެންމެ ފުރިހަމަ އެއްބާރުލުން ދެއްވަމުންނެވެ.