ސިޙުރު ޢާންމުވީ މިންވަރު ނިކަން ދެކި ބަލާށެވެ! ކިތަންމެ ޣާތްކޮށް އުޅެފައިވެސް ހިތުގައި ހަސަދަވެރިކަން އުފެދޭނެ ކަމެއް މެދުވެރިވާއިރަށްވެސް ގިނަ ބައަކަށް ދެވެނީ ސިޙުރުވެރިންގެ ގާތަށެވެ. އެއީ އަނެކާއަށް ށިހުރެއް ހަދައި އޭނާ ދެރަކޮށް ނިކަމެތިކޮށްލުމަށެވެ. އެއިރުން ތިމާއަށް މިކުރެވެނީ ކޮންފަދަ ބޮޑު ފާފައެއް ކަމާއިމެދު ވިސްނައިލުމެއްވެސް ނެތިއެވެ.
ސިޙްރަކީ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ފާފައެކެވެ. އެ ފާފައިގެ ސަބަބުން ދުނިޔެއާއި އާޚިރަތް ހަލާކުވެގެން ދެއެވެ. އަދި ސިޙްރުގެ ސަބަބުން ﷲ ތަޢާލާއާއި އެމީހާ އާއި ދުރުކޮށް ޝައިތާނާއާއި ގާތްކުރެއެވެ. އަދި އެއީ އިސްލާމްދީން ވަރަށް ބޮޑަށް މަނާ ކުރައްވާފައިވާ ކަމެކެވެ.
މާތް ﷲ ސުބްހާނަހޫ ވަތަޢާލާ ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގައި 102 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَٱتَّبَعُوا۟ مَا تَتْلُوا۟ ٱلشَّيَٰطِينُ عَلَىٰ مُلْكِ سُلَيْمَٰنَ ۖ وَمَا كَفَرَ سُلَيْمَٰنُ وَلَٰكِنَّ ٱلشَّيَٰطِينَ كَفَرُوا۟ يُعَلِّمُونَ ٱلنَّاسَ ٱلسِّحْرَ وَمَآ أُنزِلَ عَلَى ٱلْمَلَكَيْنِ بِبَابِلَ هَٰرُوتَ وَمَٰرُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَآ إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِۦ بَيْنَ ٱلْمَرْءِ وَزَوْجِهِۦ ۚ وَمَا هُم بِضَآرِّينَ بِهِۦ مِنْ أَحَدٍ إِلَّا بِإِذْنِ ٱللَّهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا۟ لَمَنِ ٱشْتَرَىٰهُ مَا لَهُۥ فِى ٱلْـَٔاخِرَةِ مِنْ خَلَٰقٍ ۚ وَلَبِئْسَ مَا شَرَوْا۟ بِهِۦٓ أَنفُسَهُمْ ۚ لَوْ كَانُوا۟ يَعْلَمُونَ ﴿١٠٢﴾ މާނައީ: “ އަދި سليمان ގެފާނުގެ ވެރިކަމުގެ ޒަމާނުގައި شيطان ންތައް ކިޔަވައި އުޅުނު ތަކެއްޗަށް އެއުރެން تبع ވޫއެވެ. سليمان ގެފާނު كافر ވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ شيطان ން كافر ވޫއެވެ. އެއުރެން މީސްތަކުންނަށް سحر އުނގަންނައި ދިނުމުންނެވެ. އަދި بابل ގައިވާ هاروت އާއި، ماروت އާއި ދެ ملائكة ންގެ މައްޗަށް ބާވައިލެއްވި ތަކެއްޗާވެސް (އެއުރެން تبع ވޫއެވެ.) ތިމަންމެން ވާކަން ކަށަވަރީ (إيمان ކަންހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) امتحان އެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) كافر ނުވާށޭ ވިދާޅުވެ (نصيحة ދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ ملائكة ން އުނގަންނަވައެއް ނުދެއްވަތެވެ. ފަހެ، މީހާޔާއި އެމީހާގެ އަނބިމީހާޔާ ދެމެދު ދުރުކޮށް ވަކިކުރާނޭގޮތް އެ ދެ ملائكة ންގެ ކިބައިން އެއުރެން އުނގެނި އުޅެތެވެ. اللَّه ގެ إذن ފުޅާލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެނިވި ބަޔަކު ކަމުގައި އެއުރެން ނުވެތެވެ. އެއުރެން އެ އުނގެނެނީ އެއުރެންނަށް ގެއްލުންދޭ، އަދި އެއުރެންނަށް މަންފާއެއް ނުކުރާ ކަންތަކެވެ. ހަމަކަށަވަރުން، އެތަކެތި ގަތް މީހަކަށް آخرة ގައި އެއްވެސް نصيب އެއް ނެތްކަން، އެއުރެންނަށް ކަށަވަރުކޮށް އެނގިފައިވެއެވެ. އެއުރެންގެ نفس ތައް އެ އެއްޗަކަށް އެ ވިއްކައިލި އެއްޗެއްގެ ނުބައިކަން ބޮޑުކަމާއެވެ! އެއުރެން އެކަން ދަންނަ ކަމުގައި ވިނަމައެވެ. (102)“
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. 7 ކަމަކުން ތިޔަބައިމީހުން ދުރުވެގެންނާށެވެ. ދެން ޞަހާބީން ކޮން ކަންކަމެއްތޮ ސުވާލުކުރެއްވިއެވެ. ދެން ރަސޫލާ ޙަދީޘް ކުރެއްވިއެވެ. އެއީ ﷲ އަށް ޝިރުކު ކުރުމާއި، ޞިޙުރާއި، ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް ޤަތުލު ކުރުމާއި، ޔަތީމުންގެ މުދާ ކެއުމާއި، ހަނގުރާމައިގެ މައިދާނުން ފިލައިގެން ދިޔުމާއި، މީހުންގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމެވެ.
އެގޮތުން ޞިހުރަކީ ނުބައިވެގެންވާ ބޮޑު ފާފައެއްކަން އަޅުގަނޑުމެންނަށް އިނގިގެންދެއެވެ. އަދި އެކަމުގެ ސަބަބުން ފިތުނަ ފަސާދަ އުފެދިގެން ދެއެވެ.