ހައްދުފަހަނައަޅާފައިވާ އިސްރާއިލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލަންދެެން އިސްރާއީލުގެ ޕާސްޕޯޓް މަނާ ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ފާސްޕޯޓް މަނާކުރުމަށް ފެންނަ ކަމަށް 83 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެން، އިސްރާއީލުގެ ޕާސްޕޯޓު އޮންނަ ފަރާތްތަކަށް ރާއްޖެ އެތެރެވުން މަނާކުރުމަށް މަޖިލީހަށް މައްސަލަ ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. އެ މައްސަލަ އޭނާ ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުއެވެ.
އެ ބިލުގައި ހުށަހެޅި އިރު އޭނާ ހުށަހެޅީ އިސްރާއީލުގެ ޕާސްޕޯޓު ގެންގުޅޭ އެންމެހާ ފަރާތްތަކަށް ރާއްޖެ އެތެރެވުން މަނާކުރުމަށެވެ. އޭގެ ތެރޭގައި ޑުއަލް ޕާސްޕޯޓް ގެންގުޅޭމީހުންވެސް ހިމެނޭ ގޮތަށެވެ. ނަމަވެސް އިމިގްރޭޝަނުން ވަނީ، ޑުއަލް ޕާސްޕޯޓް ގެންގުޅޭ ފަރާތްތައް ވަކިކުރާނެ ގޮތެއް ނޯންނަކަން ފާހަގަކޮށް، ހަމައެކަނި ރާއްޖެ އައުމަށް އިސްރާއީލުގެ ޕާސްޕޯޓު ހުށަހަޅާ ފަރާތްތަކަށް އެތެރެވުން މަނާކުރުމަށް ހުށަހަޅާފައެވެ.
ކޮމިޓީންވެސް އެގޮތަށް ފާސްކޮށްފައުވާއިރު، މަޖިލީހުންވެސް ފާސްކޮށްފައިވަނީ އެގޮތަށެވެ.