ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ޖަލުތަކަށް ކުރާ ހަރަދު ކުޑަކުރުމާ އެކު، ދެވޭ ހިދުމަތުގެ ފެންވަރު މަތިކޮށް މައްސަލައަށް ދާއިމީ ހައްލެއް ގެނައުން ކަމަށް ދާޚިލީ ސަލަމާތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިހުސާން މިރޭ ވިދާޅުވެއްޖެއެވެ.
ދާޚިލީ ސަލަމާތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން އެކްސްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ޖަލުތަކަށް ކުރާ ހަރަދު ކުޑަކުރުމާ އެކު، ދެވޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް މައްސަލައަށް ދާއިމީ ހައްލެއް ގެނައުން ކަމަށެވެ.
އިހުސާން އިތުރަށް ވިދާޅުވީ ސެންޓްރަލް ޖަލު އަޅާ ނިމި، ހުރިހާ ޖަލެއް އެތަނަށް ބަދަލުކުރެވެންދެން ހުޅުމާލޭ ޖަލާ އިންވެގެން އޮތް ބިން ކަރެކްޝަނަލް ސާވިސްގެ ބޭނުމަށް ބޭނުންކުރުމަށް މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީ އަދި ކަރެކްޝަންސްއާ އެކު މަޝްވަރާކޮށް، މިހާރު އެއްބަސްވެފައިވާ ކަމަށެވެ.
މި ބިމަކީ ހުޅުމާލެ ޖަލާއި ހުޅުމާލެ ސަހަރާއާ ދެމެދުގައި އޮތް ބިމެކެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބު ތަކުން ހާމަވެފައިވާގޮތުގައި މާފުށީ ޖަލާއި މާލޭ ޖަލާއި އައްސޭރި ޖަލުގައި މިހާރު ތިބި މީހުންގެ އަދަދު 1200އަށް ވުރެ އިތުރެވެ. އޭގެ ތެރެއިން މާލޭ ޖަލުގައި ތިބި މީހުން އެހެން ޖަލުތަކަށް ބަދަލުކޮށް، އެ ޖަލު މިހާރު ވަނީ ބަންދުކޮށްފައެވެ.
ކުށްވެރިން ބަންދުކުރަން އުތުރު ތިލަފަޅުގައި ސެންޓްރަލް ޖަލެއް އިމާރާތްކޮށް، އެހެން ހުރިހާ ޖަލުތަކެއް ބަންދުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. ސަރުކާރުން މީގެ ކުރިން ބުނެފައިވާގޮތުގައި އުތުރު ތިލަފަޅުގައި ހަދާ ސެންޓްރަލް ޖަލަކީ 3،000 މީހުންގެ ޖާގައިގެ ޖަލެކެވެ.