މަޖީދިއްޔާއިން ގައުމަށް ދިން އިލްމީ އަލިކަމަށް ނިމުމެއް ނެތް: ރައީސް
ދެންމެ | 19 އޭޕްރިލް 2025

މަޖީދިއްޔާ ސްކޫލުގެ ހިޔަލުން ގައުމަށް ގެނައި ކުރިއެރުމާއި ގައުމަށް ދިން އިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސްކޫލް ކަމަށްވާ މަޖީދިއްޔާގެ 98 ވަނަ އަހަރީ ދުވަސް ފާހަގަކުރާއިރު މި މުނާސަބަތުގައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖީދިއްޔާގެ ”ފަހުރުވެރި ހިޔަލުން“ މި ގައުމަށް ގެނުވި ކުރިއެރުމާއި ”މަޖީދިއްޔަ ނޫރުން“ މި ގައުމަށް ދިން އިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތް ކަމަށެވެ.

މަޖީދިއްޔާއަކީ ރާއްޖޭގެ ނިޒާމީ ތައުލީމުގެ އުނގު ކަމަށް ރައީސް ސިފަކުރެއްވި އެވެ. އަދި އެ ސްކޫލަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

”މަޖީދިއްޔާގެ ”ފަހުރުވެރި ހިޔަލުން“ މި ގައުމަށް ގެނުވި ކުރިއެރުމާއި ”މަޖީދިއްޔަ ނޫރުން“ މި ގައުމަށް ދިން އިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތް،“ ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މަޖީދިއްޔާގެ ހަނދާންތައް ދިވެހި ތާރީހުގަައި ބިންވަޅު ނެގިފައިވަނީ ފަނޑުވުމެއްނެތް ޒިކުރާތަކާއެކު އެވެ.

މަޖީދިއްޔާ ސްކޫލުގައި ކިޔަވައިދޭން ފެށީ 19 އޭޕްރީލް 1927 ގަ އެވެ. މަޖީދިއްޔާ ސްކޫލަށް 100 އަހަރު 2027 ވަނަ އަހަރު ފުރޭއިރު، އެސްކޫލުގެ 100 އަހަރު ފުރުމާއި ދިމާކޮށް 1000 ދުވަހުގެ ކައުންޓްޑައުންއެއް މިދިޔަ އަހަރު ވަނީ ފަށާފަ އެވެ. ސަރުކާރުން ވަނީ މަޖީދިއްޔާއަށް ގަރުނެއް ވުން ވަރަށް ކުލަގަދަކޮށް ފާހަގަކުރާނެ ކަމަށް ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!