ރާއްޖޭގައި މެޑިކަލް ޓޫރިޒަމަށް ހާއްސަ ހޮސްޕިޓަލެއް އެޅުމަށް ބޭރުގެ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށާއި، ރިސޯޓެއްގައި ހޮސްޕިޓަލަކާއި ކޮލެޖެއް އެޅުމުގެ ހުށަހެޅުންތައް ލިބެމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވީ، ރާއްޖޭގައި މެޑިކަލް ޓޫރިޒަމަށް ހާއްސަކޮށްގެން ހޮސްޕިޓަލެއް ތަރައްގީ ކުރުމަށް ލިބެމުންދާ ޕްރޮޕޯސަލްތަކުގެ ތެރޭގައި ރިސޯޓެއްގައި ހޮސްޕިޓަލެއް އެޅުމާއި، އެތަނުގައި ހިދުމަތްދެވޭނެ ގޮތްތަކާއި މީހުން ތަމްރީން ކުރެވޭނެ ކޮލެޖެއް ހިމެނޭ ގޮތަށް ހޮސްޕިޓަލް ތަރައްގީ ކުރުމުގެ ހުށަހެޅުންތައް ހިމެނޭ ކަމަށެވެ.
ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމުގެ ގޮތުން ސަރުކާރުން މެޑިކަލް ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ ކުރިން އެމްއެމްޕީއާރުސީ އާއި އޭޑީކޭ ހޮސްޕިޓަލް ގުޅިގެން މަތީފެންވަރުގެ ބޭސްފަރުވާގެ ހިދުމަތްދޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. ދިވެހިރާއްޖެއިން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ލިބިގެން ދިއުމަކީ ޓޫރިސްޓުން ރާއްޖެ އައުމަށް އިތުރަށް ޝައުގުވެރިވާނެ ކަމެއްކަން ފާހަގަކުރެވެއެވެ.