އެއްބުރުން އިންތިހާބު ނިންމަން ސާހިދު ދެކޮޅު ހަދައިފި
ދެންމެ | 21 އޭޕްރިލް 2025

ރިޔާސީ އިންތިޚާބުގެ ވޯޓުލުން ދެވަނަ ބުރަކަށް ނުދާ ގޮތަށް، އެއްބުރުން ވެރިއަކު ހޮވާން ވޯޓުލުމުގެ ނިޒާމް ބަދަލުކުރަން ސަރުކާރުން ފަށާފައިވާ މަސައްކަތަށް އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ފާޑުވިދާޅުވެއްޖެއެވެ.

ރޭ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ރަސްމީ ވަޓްސްއަޕް ޗެނަލްގައި އެމަނިކުފާނުވަނީ، އެމަނިކުފާނު ވަކާލާތު ކުރައްވަނީ ޕްރެފަރަންޝަލް ވޯޓިންގެ ނިޒާމަކަށް ކަަމަށް ވިދާޅުވެފަ އެވެ.

އަދި މީގެ ކުރިންވެސް ރައީސް ވަނީ އެއްބުރުން ރިޔާސީ އިންތިޚާބުގެ ވޯޓުގެ ކަންކަން ނިންމުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަންގަވާނެކަން ހާމަކުރައްވާފައެވެ.

އެކަމާއި ގުޅިގެން އެކސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ވޯޓުލާ ނިޒާމަށް ބަދަލުގެންނަން މިހާރު ދައްކާ ވާހަކަ ތަކަކީ ވޯޓުގުނުން އެތައް ބުރަކަށް ދަންމާލާ، ފޮށިތައް މާލެގެނެސް ވޯޓު އޮޅުވާލުމަށް ރާވާ ރޭވުމެއް ކަމަށެވެ.

‏މި ސޮއްސާލަނީ ކުޑަ ކާފު ބޮޑު ކާފުގެ ޒަމާނަށް. ކިތަންމެ މޮޅު ނަމެއްކިޔަސް އިޚްލާސްތެރި ކަމުގެ ޒައްރެއްވެސްނެތް. ނިޔަތަކީ ވޯޓު ފޮއްޓަށް އަތްބޭނުން. ވޯޓު އޮޅުވާލުން. ދިވެހި ރައްޔިތުންނޭ! ބޮޑުކޮށް ނޫނެކޭ ވިދާޅުވޭ!

ޝާހިދު އިތުރަށް ވިދާޅުވި ގޮތުގައި، ‏ވޯޓު ގުނަންވާނީ ވޯޓުލީ މަރުކަޒެއްގައި އެންމެންގެ ކުރިމަތީގައެވެ. އަދި ވޯޓުގެ 50% + 1 ( ވޯޓުލީ މީހުންގެ ސާފު އަޣްލަބިއްޔަތު ) ލިބެންޖެހޭނެ އެވެ.

ޕްރެފަރަންޝަލް ވޯޓިން ނިޒާމުގައި އެ މީހަކު ވޯޓް ދޭނީ އެންމެ ރަނގަޅު ކެންޑިޑޭޓުން ތަރުތީބުވާ ގޮތަކަށެވެ. އެންމެ ރަނގަޅު ކެންޑިޑޭޓާކައި ދެވަނައަށް ރަނގަޅު ކެންޑިޑޭޓާއި ތިންވަނައަށް ރަނގަޅު ކެންޑިޑޭޓް މިހެން ފާހަގަވާ ގޮތަށެވެ. އެ ގޮތުން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ނުލިބިއްޖެނަމަ ދެވަނަ އަށް އެންމެ ރަނގަޅު ކެންޑިޑޭޓަށް ރައްޔިތުން ދިން ވޯޓް ގުނާނެ އެވެ.

މި ނިޒާމު ރާއްޖެއާ އަވައްޓެރި އިންޑިއާ އަދި ލަންކާގައި ވެސް އެބަ އޮތެވެ. ނަމަވެސް ހުރިހާ އިންތިހާބެއްގައި އެ ގޮތަށް އަމަލެއް ނުކުރެ އެވެ. ލަންކާގައި އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބު ގައި ވެސް ނަތީޖާ ނެރެފައިވަނީ އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ވޯޓް ނުލިބުމުން ދެވަނަ އަށް އެންމެ ރަނގަޅު ކެންޑިޑޭޓަށް ރައްޔިތުން ދިން ވޯޓް ގުނައިގެންނެވެ.

މި ނިޒާމަށް އަމަލުކުރާ ގައުމުތަކުން ވެސް އެކި އުސޫލުތައް ހަދާފައި ހުރެ އެވެ. ބައެއް ގައުމުތަކުގައި ކުރިމަތިލާ ހުރިހާ ކެންޑިޑޭޓުން ރޭކުކޮށް ވަނަ ދޭން ޖެހެ އެވެ. ނަމަވެސް ލަންކާ ފަދަ ގައުމުތަކުގައި އޮންނަނީ އެންމެ ރަނގަޅު ތިން ކެންޑިޑޭޓުން ފާހަގަ ކުރުމެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!