އެ މަނިކުފާނުގެ ތަސައްވުރަކީ ދިވެހި ސިފައިންގެ ތެރޭގައި އެއާފޯސްއަކާއި ނޭވީއެއްގެ އިތުރުން އާމީއެއްވެސް އުފެއްދުން ކަމަށް ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހި ސިފައިންގެ ގާބިލުކަން އިތުރުކުރުމަކީ އެ މަނިކުފާނު ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށް އެއީ ކޮންމެހެން ކުރުން މުހިންމު ކަމެއް ކަމަށެވެ.
ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ހިމާޔަތްކުރުމަކީ ގާނޫނުން ސިފައިންގެ މައްޗަށް ލާޒިމުކަމެއް ނަމަވެސް އެ ވަސީލަތްތައް ގާއިމުކުރެވިފައި ނެތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ވަސީލަތާއި ތަމްރީނުގެ ގޮތުން ސިފައިންނަށް ކުރިއެރުންތައް ހޯދައިދިނުމުގެ މަސައްކަތް މި ސަރުކާރުން ފައްޓަވާފައިވާ ކަމަށެވެ.
”އަޅުގަނޑުގެ ތަސައްވުރަކީ މި މަސައްކަތް މި ގޮތުގައި ކުރިއަށް ގެންގޮސް މާދުރުނޫން މުސްގަތުބަލެއްގައި އިރާދަކުރެއްވިއްޔާ ދިވެހި ސިފައިންގެ ތެރޭގައި އެއާފޯސްއެއް އުފެދި، ނޭވީ އުފެދި އަދި އާމީއެއްވެސް އުފައްދުން، އެ ހިސާބަށް އިރާދަކުރެއްވިއްޔާ ދިވެހި ސިފައިންގެ އަސްކަރިއްޔާގެ ބާރު ވަރުގަދަކުރަން މަސައްކަތް ކުރާނަން،“ ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ސިފައިންގެ ފެންވަރު މަތިކޮށް ވަރުގަދަކުރުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން ކަމަށާއި އެއީ ފަހުރުވެރިވާންޖެހޭ ކަމެއް ކަމަށެވެ. އެކަމަށް މަލާމާތްކޮށް ލަނދުގަންނަ މީހުންނަކީ ގައުމީވަންތަކަމެއް ނެތް އަދި ގައުމަށް ކޮންމެ ގޮތެއްވާން ވަރިހަމަ މީހުންގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.