ޕޯޕް ނިޔާވުމުން އަޒުހަރުގެ އިސްވެރިޔާ އަދި އިމާމް ތައުޒިޔާ ވިދާޅުވެއްޖެ
ދެންމެ | 22 އޭޕްރިލް 2025

އަޒްހަރުގެ އިސްވެރިޔާ އަދި އެންމެ ބޮޑު އިމާމު އިއްޔެ ނެރުއްވި ބަޔާނުގައި ބުނެފައިވަނީ ޕޯޕް ފްރެންސިސް އަކީ އިންސާނިއްޔަތަށްޓަކައި ނަމޫނާ ޚިދުމަތެއް ކުރެއްވި އަޚެއް ކަމަށާއި، އޭނާ މިދުނިޔެ ދޫކޮށްދިއުމުގެ ހިތާމައިގާ ބައިވެރިވެ، އެ ދީނުގެ އަހުލުވެރިންނަށް ތައުޒިޔާ އާއި ހެޔޮ އެދުންތައް ރައްދުކުރައްވާ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ޕޯޕް ފްރެންސިސް އަކީ އިންސާނިއްޔަތަށްޓަކައި މަސައްކަތް ކުރެއްވުމުގެ ފުރިހަމަ ރަމްޒެއް ކަމަށާއި، އަޒްހަރުގައި ބޭއްވުނު ”ވޯލްޑް ޕީސް ކޮންފަރެންސް – 2017“ ގައި ބައިވެ އެކުގައި ކުރެއްވި މަސައްކަތަކީ ތާރީޚީ މަސައްކަތެއް ކަމަށާއި، އަބަދުވެސް މުސްލިމް ދުނިޔެއާއެކު ގާތްގުޅުމެއް ބޭއްވެވި ފަރާތެއް ކަމަށެވެ.

އަދި ޕޯޕް ފްރެންސިސްގެ ލީޑަރޝިޕްގައި އިސްލާމީ އަރަބި ޤައުމުތަކަށް ޒިޔާރަތްކުރެއްވި ކަމަށާއި، ޔަހޫދީންގެ ލާއިންސާނީ އަނިޔާތަކަށް ފާޅުގައި ދެކޮޅު ހައްދަވާ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުން ގެންދާ އުދުވާނުތައް ހުއްޓާލުމަށް ގޮވާލައްވާފައިވާ ފަރާތެއް ވެސް ކަމަށެވެ.

ޝައިޚުލް އަޒްހަރުގެ ބަޔާން ނިންމަވާލައްވާފައި ވަނީ، ދުނިޔޭގެ ކަންކޮޅުތަކުގައި އެ އަޤީދާ ޤަބޫލުކުރާ އެންމެހާ ފަރާތްތައް ތައުޒިޔާ ކިޔައި، ޕޯޕް ފްރެންސިސް މަރުވުމުގެ ހިތާމަވެރިކަމުގައި އެފަރާތްތަކަށް ކެތްތެރިކަމަށް އެދިވަޑައިގަންނަވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!