އަންހެން ކުއްޖާ ވެއްޓުނީ މީހެއްގެ ސަބަބަކުން ނޫން: ފުލުހުން
ދެންމެ | 23 އޭޕްރިލް 2025

މާލޭގައި ހުންނަ ގެއެއްގެ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތް ޒުވާން އަންހެން ކުއްޖާ ވެއްޓުނީ މީހެއްގެ ސަބަބުން ނޫންކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނީ މި ހާދިސާއާއި ގުޅިގެން ރޭ ބޭއްވި ޕްރެސްގައެވެ.

އުމުރުން 21 އަހަރުގެ މި ޒުވާނާ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. އެ ޒުވާނާ ވެންޓިލޭޓަރުގައި ބޭއްވުމަށްފަހު މިރޭ ވަނީ ވެންޓިލޭޓަރުން ނަގާފައެވެ. އެހެންނަމަވެސް އެ ޒުވާނާގެ ހާލު ސީރއަސްކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އެކި ބާވަތުގެ ބޮޑެތި ތުހުމަތުތައް އަމާޒުކޮށް ވާހަކަތައް ދަނީ ދެކެވެމުންނެވެ. ބައެއް ތުހުމަތުތަކުގައި ބުނެފައިވަނީ އޭނާ ކޮއްޕާލައިގެން ފުރާޅުން ވެއްޓުނު ކަމަށެވެ.

އެ ވާހަކަތަކާއި ގުޅިގެން ފުލުހުން ވަނީ ރޭ ކުއްލިއަކަށް ނޫސްވެރިންނާއި ބައްދަލުކޮށް އެ ހާދިސާގެ ބައެއް މައުލުމާތުތައް ހިއްސާކޮށްފައެވެ. އެގޮތުން އެ އަންހެން ކުއްޖާ ވެއްޓުނު ގެއާއި އަންހެން ކުއްޖާ ވެއްޓޭ ވަގުތުގެ ސީސީޓީވީ ފުޓޭޖްވެސް ފުލުހުން ވަނީ ނޫސްވެރިންނަށް މިރޭ ދައްކާފައެވެ. އެހެންނަމަވެސް މި ޕްރެސް އާއްމުކޮށް ހުޅުވާ ނުލާ ގެންދިޔައިރު އެތަނަށް ދިޔަ ނޫސްވެރިންނަށްވެސް މަންޒަރާއި އަޑު ރިކޯޑްކުރުން އޮތީ މަނާކޮށްފައެވެ.

މި ވާހަކަތަކާއި ގުޅިގެން ފުލުހުން މިރޭ ބުނީ އެ އަންހެން ކުއްޖާ ވެއްޓިފައިވަނީ މީހެެއްގެ ބައިވެރިވުމަކުން ނޫންކަން މިހާތަނަށް ބެލި ސީސީޓީވީ ފުޓޭޖްތަކުން ދެނެގަނެވިފައިވާކަމަށެވެ. ފުލުހުން ބުނީ އަންހެން ކުއްޖާ ވެއްޓުނީ އަމިއްލައަށް ކަމަށާއި އެ ކުއްޖާ ހުރީ މަސްތުގައިކަމަށް ބެލެވޭކަމަށެވެ.

ފުލުހުން ބުނީ އަންހެން ކުއްޖާ ވެއްޓުނީ މީހަކު ކޮށްޕާލައިގެން ނޫންކަން ތަހުގީގަށް މިހާރު ޔަގީން ކުރެވިފައިވާކަމަށެވެ.

ފުލުހުން ބުނީ 21 އަހަރުގެ ޒުވާނާ ވެއްޓުނީ އޭނާ އާއި އެކު ހުރި ފިރިހެން މީހާ އެޕާޓްމަންޓުން ނުކުމެ، އެ ގޭގެ ތިރިއަށް ފޭބުމަށް ސިޑިމަތީގައި ހުއްޓާކަން ތަހުގީގަށް ޔަގީންކުރެވިފައިވާކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!