ވީޑިއޯ އާޢްމް ކޮށްފި، ބޮއިގެން ފުންމާލީމާ ކުއްވެރިވާންވީ ފުލުހުން ތަ!
ދެންމެ | 24 އޭޕްރިލް 2025

އިމާރާތުން ވެއްޓުނު އަންހެން މީހާ އާއި އޭނާއާ އެކު އުޅުނު ފިރިހެން މީހާގެ ހަރަކާތްތައް އެ ރޭ ހުރި ގޮތް ފެންނަ ސީސީޓީވީ ވީޑިއޯ ފުޓޭޖުތައް ފުލުހުން މިއަދު އާންމުކޮށްފި އެވެ.

ފުލުހުން މި ފުޓޭޖުތައް މި އާންމުކުރީ މި މައްސަލައިގެ ތަހުގީގު ތެދުވެރިކަމާއި އިންސާފުވެރިކަމާ އެކު ކުރިއަށް ނުގެންދާ ކަމަށް ބުނެ އާންމުންގެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. މި ފުޓޭޖުތައް މިއަދު އާންމުކުރުމުގެ ކުރިން މިދިޔަ އަންގާރަ ދުވަހުގެ ރޭ ފުލުހުން ނޫސްވެރިންނާ އެކު ބޭއްވި ”ސިއްރު“ ޕްރެސް ކޮންފަރެންސްއެއްގައި ވެސް ފުޓޭޖުތައް ދައްކާފައިވެ އެވެ.

މިއަދު އާންމުކުރި ވީޑިއޯ ފުޓޭޖުތަކުން ގ. ރަނައުރާމާގެއާގެ، ހައްވާ ޔުމްނު ރަޝީދާއި ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް، ހ. ފެންޓޯނިއާގެއަށް ވަންނަ ތަނާއި އެ ގޭގެ ސިޑިގޮޅީގެ ތެރޭގައި ދެމީހުން އުޅޭ ގޮތް ފެނެ އެވެ. އެ ރޭ ފަތިހު 4:30 ހާއިރު އެ ގެއަށް ފުރަތަމަ ވަންނަނީ ޔުމްނު އެވެ. އެ ގެއަށް ވަންނަން އުޅެނިކޮށް، އޭނާ ބިން މައްޗަށް ވެއްޓުމުން އިރުކޮޅަކު އެ ތަނުގައި މަޑުކޮށްގެން އިނދެ އެވެ. ރައުދު އެތަނަށް ދަނީ އޭގެ އިރުކޮޅެއް ފަހުންނެވެ.

ރައުދު އެ ގެއަށް ވަނުމުގެ ކުރިން، މަގުމަތިން ސައިކަލެއްގައި ދިޔަ މީހަކު އޭނާއަށް ގޮވުމުން އޭނާ ކައިރީގައި މަޑުކޮށްގެން ވާހަކައެއް ދައްކަން އިރުކޮޅަކު މަޑުކޮށްގެން ހުރެ އެވެ.

އެ ސައިކަލުގައި އިން މީހާއަކީ އެ މީހުން އުޅުނު ގޮތުގެ މަންޒަރު ބަލަން ތަންކޮޅެއް ދުރުގައި ހުރެފައި އެތަނަށް ދިޔަ މީހެއް ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ސައިކަލުގައި އިން މީހާ ދިއުމުން ޔުމްނު ހޯދަން ރައުދު އުޅޭތަން ފެނެ އެވެ. އޭރު ފެންޓޯނިއާގެ ދޮރު ކައިރިއަށް ވެއްޓިފައި އިން ޔުމްނު އެތަނުން ތެދުވެ، ރައުދުއަށް ގޮވައި އޭނާ ގެނެސް ދެ މީހުން އެ ގެއަށް ވަދެ އެވެ.

ރައުދާއި ޔުމްނު ވެސް ތިބީ މަސްތުގެ ހާލަތުގައިކަން މި ފުޓޭޖުތަކުން ޔަގީންވެ އެވެ.

އެ ދެމީހުން ފުރަތަމަ އަރަނީ އެ ގޭގެ އެންމެ މައްޗަށް، 9 ވަނަ ފުލޯ އަށެވެ. އެއަށް ފަހު ހަތްވަނަ ފުލޯއަށް ފައިބައި ދެ މީހުން ވަރަށް ގައިގޯޅިވެ، ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެނެ އެވެ. އަދި ފަހުން ރައުދު ލައިގެން ހުރި ޓީޝާޓު ބަލައި ޔުމްނު އަށް ދެ އެވެ. ޔުމްނު ލައިގެން ހުރި ޓީޝާޓު އޭރު އޮތީ ހަތްވަނަ ފުލޯގެ ބިންމަތީގަ އެވެ. އޭގެ ފަހުން ރައުދު އުޅުނީ ހުސްގަޔާ އެވެ.

އޭގެ ފަހުން ދެ މީހުން އެކުގައި 8 ވަނަ ފުލޯއަށް އަރަ އެވެ. އެ ވަގުތު އެ ގޭގައި ހުރި އިންޓްރޫޑާ އެލާމް ސިސްޓަމަކުން އެލާމްގެ އަޑު އިވުމާ އެކު، ދެމީހުން 9 ވަނަ ފުލޯއަށް އަރަ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ރައުދު އެކަނި އަލުން ތިރިއަށް ފައިބަ އެވެ. އެ އިމާރާތުގެ 9 ވަނަ ފުލޯގައި ސީސީޓީވީ ކެމެރާ ނުހުރެ އެވެ.

އޭގެ އިރުކޮޅެއް ފަހުން ޔުމްނު އަލުން 8 ވަނަ ފުލޯއަށް ފައިބާ އެ ފުލޯގައި ހުރި އެޕާޓްމަންޓެއްގެ ދޮރުގައި ހިފަ އެވެ. އަދި ހަމަ އެ ބާރުމިނުގައި އަނެއްކާވެސް އެ ގޭގެ 9 ވަނަ ފުލޯއަށް އޭނާ އަރަ އެވެ. އޭގެ ފަހުން އެއްވެސް ފުޓޭޖަކުން ޔުމްނު ނުފެނެ އެވެ.

ޔުމްނު ހޯދަން ރައުދު ހަތްވަނަ ފުލޯއަށް ފައިބާއި އެ ފުލޯގައި ހުރި އެޕާޓްމަންޓެއްގައި ޓަކިޖަހަ އެވެ. އެކަމަކު، އެތަނުން އެއްވެސް މީހަކު ނުނިކުމެ އެވެ. ރައުދު އެ އެޕާޓްމަންޓުގެ ބޭރުގައި އިރުކޮޅަކު މަޑުކޮށްގެން ހުރުމަށް ފަހު އަނެއްކާވެސް ސިޑިން މައްޗަށް އަރަ އެވެ. އަދި ލިފްޓުން ވެސް އޭނާ އެ ފުލޯތަކަށް އަރައި ފައިބާ، ޔުމްނު ހޯދަން އުޅެ އެވެ. އަދި 8 ވަނަ ފުލޯއަށް އަރާ ސިޑިގޮޅީގައި ހުރި ފެންލައިޓުން ބޭރަށް ބޯދިއްކޮށް، ”ލޫލޫ“ އޭ ކިޔައިފައި އޭނާ ގޮވާ އަޑު އިވެ އެވެ.

ރައުދަށް ޔުމްނު ނުފެނުމުން އޭނާ އެ ގޭގެ އެންމެ ތިރިއަށް ފައިބައި، ގެއިން ބޭރަށް ނުކުމެ މަގުމަތީގައި ހުރެގެން އިރުކޮޅަކު މައްޗަށް ބަލަން އުޅޭ މަންޒަރު ވެސް ސީސީޓީވީ ފުޓޭޖުތަކުން ފެނެ އެވެ. އަދި އަލުން އެ ގެއަށް ވަދެ، ޔުމްނު ހޯދަން އޭނާ އުޅެ އެވެ. އަދި އެ ފަހުން ވެސް ޔުމްނު ނުފެނުމުން އޭނާ އެތަން ދޫކޮށް ދެ އެވެ.

ޒުވާން އަންހެނަކު ގުދަނެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މި މައްސަލައިގެ ތަހުގީގުގައި މިހާރު ވަނީ އޭނާއާ އެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ، އެ އެންމެންގެ ބަޔާން ނަގައި، އެ އެންމެން ފުރުން ވެސް މަނާކޮށްފައި ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ވިދާޅުވި އެވެ.

ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވީ މއ. މާންދޫގޭ ދެކުނުގެ ޓެރަސް އާއި ދެވަނަ އަދި ހަތަރުވަނަ ފްލޯގެ އިތުރުން ގ. ކަށިވެލިގެ ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ.

ނަވީން ވިދާޅުވީ އަންހެން މީހާ ވެއްޓުނު ކަމަށް ބެލެވޭ ފެންލައިޓްގެ އެލުމިނިއަމް ފްރޭމުން ފޮރެންސިކް ސާމްޕަލްތައް ނަގައި، އެހެން މީހެއްގެ ބައިވެރިވުމެއް އޮތްތޯ ވެސް ބަލާނެ ކަމަށެވެ. އަދި ފެންލައިޓުން ވެއްޓުނު ކަމާ މެދު އުފައްދާ ސުވާލުތަކާ އެކު، ތަހުގީގުގައި އެކަން ވެސް އިތުރަށް ކަށަވަރުކުރަން ސީން ރިކޮންސްޓްރަކްޓްކޮށްގެން ވެސް ބެލުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!