ފުލުހުން ދޮގެއް ނުހަދާނެ، އެއީ އަގުވައްޓާލަން ދައްކާ ވާހަކަ: ރައީސް
ދެންމެ | 25 އޭޕްރިލް 2025

ފުލުހުންގެ މުއައްސަސާ އިން ރައްޔިތުންނަށް ދޮގެއް ނުހަދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވެފައިވާ އިރު، މިދިޔަ ހުކުރު ދުވަހު ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅުމައްޗަށް 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި ފުލުހުން ކަންތައްތަކެއް އޮޅުވާލަން މަސައްކަތްކުރާ ކަމަށްބުނެ ބައެއް ފަރާތްތަކުން ދަނީ ތުހުމަތުތައް ކުރަމުންނެވެ.

ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގައުމާ މެދުގައި ނުވިސްނާ ބަޔަކު ކުރަމުންގެންދާ ކަންކަމަށް ލޯ ހުޅުވަން ޖެހޭނެ ކަމަށާއި ކޮންމެ މީހަކީ ގައުމުގެ މިނިވަންކަމާއި ސުލްހަމަސަލަސްކަން ދެމެހެއްޓުމުގެ ޒިންމާ އޮތް މީހެއްކަން ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.

”މި މުއައްސަސާގެ ފަރާތުން ރައްޔިތުންނަކަށް ދޮގެއް ނުހަދާނެ، އަޅުގަނޑު ގަބޫލެއް ނުކުރަން އެގޮތަކަށް. ފުލުހުން ރައްޔިތުންނަށް ދޮގު ހަދައިގެން ފުލުހުންނަށް ލިބޭނެ ފައިދާއެއް ނެތް، އަދި ފުލުހުން ކުރައްވާނެ ކަމެއް ވެސް ނޫން އެއީ،“ އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ ތެރޭގައި ބައިބައިވުން އުފައްދައި، އެކި ކަހަލަ ފިތުނަތައް އުފައްދަން އުޅޭ ފަރާތްތަކުން ފުލުހުންގެ މުއައްސަސާގެ އަގުވައްޓާލަން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ކެތްތެރިކަމާއެކު ފުލުހުންގެ ދައުރު އަދާކުރުމަށް ފުރުސަތު ދޭންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

”އަޅުގަނޑު ދޭ ޔަގީންކަމަކީ މި ސަރުކާރުން، އަޅުގަނޑުމެންގެ ސަރުކާރުން، ރައްޔިތުންގެ މި ސަރުކާރުން ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ލިބިގެންދާނީ ދެފުށް ފެންނަ، ޒިންމާދާރު، ތެދުވެރި، އަމާނާތްތެރި ހިދުމަތެއްކަން. މަސައްކަތްކުރަމުންދާނީ ރައްޔިތުންނާ ގާތުންކަން، ހިނިތުންވުމާއެކުގައިކަން، އޯގާތެރިކަމާއެކީގައިކަން، ޒިންމާދާރުކަމާއި ތެދުވެރިކަމާއެކީގައިކަން. އެހެންވީމާ އަޅުގަނޑުމެން އެންމެން އެކަކު އަނެކަކަށްޓަކައި އެބަޖެހޭ މިކަމުން އެކަތިގަނޑަކަށްވާން،“ އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ޒުވާނުން ނުބައި މަގުން ދިޔައީ މި ގައުމުގައި މާތްވެގެންވާ އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތަކާއި ރީތި އާދަތަކުން ބޭރަށް މި ގައުމު ނެރެ އެހެން މަގަކުން ގެންދަން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ސަބަބުން ކަމަށެވެ. އަދި އޭގެ ވިކްޓިމައިޒްވެފައި ތިބި ޒުވާނުންތަކެއްގެ ބޭނުންކޮށްގެން ސިޔާސީ ފައިދާއެއް ނަގަން އުޅޭ އުޅުމުގެ ތެރެއަށް ދިވެހި ރައްޔިތުން ވަނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!