މަސްތުވެ، ވެއްޓުނު ޔުމްނުގެ ތަހްގީގަށް ރައީސް ކޮމިޝަނެއް އުފައްދައިފި
ދެންމެ | 27 އޭޕްރިލް 2025

މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ގެއެއްގެ ފުރާޅުމަތީގައި ވެއްޓިފައި އޮއްވާ ފެނުނު، ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ތަހުގީގުކުރަން ރައީސްގެ ގަރާރަކުން، ހާއްސަ ކޮމިޝަނެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިރޭ އުފައްދަވައިފިއެވެ.

މި ކޮމިޝަން އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން އެމަނިކުފާނަށް ލިބިދޭ އިޚުތިޔާރުގެ ދަށުންނެވެ.

ރައީސްގެ ގަރާރުގައި ވިދާޅުވެފައި ވަނީ މި ކޮމިޝަން އެމަނިކުފާނު އުފައްދަވާފައިވަނީ އެޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ ކުރުމަށް ކަމަށެވެ.

 

މި ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ހިމެނެނީ:

1. ޑރ. މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ

2. ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން

3. ޑރ. މުޙައްމަދު ޙަބީބު، ސ. ހިތަދޫ، ސީސަންމާގެ

މިކޮމިޝަނުގެ ރައީސްކަމުގައި ރައީސް ޑރ. މުއިއްޒު ކަނޑައަޅުއްވާފައިވަނީ ޑރ. މުނައްވަރެވެ.

އެމަނިކުފާނުގެ ގަރާރުގައި ވިދާޅުވެފައިވާގޮތުގައި ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން މި ކޮމިޝަނަށް ލިބިދޭ ބާރުތަކާއި އިމްތިޔާޒުތަކުގެ ތެރޭގައި ހިމެނެނީ

1- ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ކޮމިޝަނުން ކުރިޔަށްގެންދާ ތަޙުޤީޤުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން.

2- ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައްޔާއި ތަޙުޤީޤުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި، ރާއްޖެއިން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުން.

3- ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައި ބަޔާންކުރާ، ޤާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން

4- ހައްޔަރު އަމުރާއި، ޖިނާއީ ތަޙުޤީޤުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން.

5- ހާޒިރުކުރަންޖެހޭކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫން ވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން.

6- ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަޙުޤީޤެއް ކޮށްފައި ވާ ނަމަ، އެ ތަޙުޤީޤަކުން ނުވަތަ އެނޫންވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި، އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި، ޤަރީނާތަކާއި،

އެނޫން ވެސް މަޢުލޫމާތު ހޯދުން.

އެ ގަރާރުގައި ވިދާޅުވެފައި ވަނީ މި ކޮމިޝަނަކީ، ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސް ކަނޑައެޅުމާ ހަމަޔަށް ދެމިއޮންނާނޭ ކޮމިޝަނެއް ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް ރައީސް ހާއްސަ ކޮމިޝަނެއް އުފެއްދެވިއިރު، ޔުމްނުގެ ބޭސް ފަރުވާއަށް މިރޭ މެލޭޝިއާއަށް ވަނީ ފުރުވާލައިފައެވެ.

މިރޭއާ ހަމައަށް ޔުމްނުއަށް ފަރުވާދެމުން ގޮސްފައި ވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައެވެ.

ޔުމްނު ފުރުވާލާފައި ވަނީ ސަރުކާރުގެ ފަރާތުން ހަމަޖައްސާދިން ފައިސާ އާއި އާއްމުންގެ ފަރާތުން ލިބުނު ބޮޑު އެހީއާއި އެކުގައެވެ.

މިގޮތުން ޔުމްނުގެ ބޭސް ފަރުވާގެ ކަންކަމަށް އެންސްޕާގެ ފަރާތުން ވަނީ 25،000 ޑޮލަރަށްވާ ފައިސާ ހަމަޖައްސާ ދެއްވާފައެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 385،500ރ އެވެ.

މީގެ އިތުރުން، އޭނާގެ ބޭސްފަރުވާއަށް ބޭނުންވާ އިތުރު ފައިސާ ހަމަޖެއްސުމަށް މިރޭ ޓިކްޓޮކް ލައިވްގައި ޝެހެނާޒް މޫސާ ހާއްސަ ފަންޑްރައިިޒިންއެއް ފެށިއިރު، މީސް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށްވެސް ފައިސާ ހޯދުމުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވެއެވެ.

އެ ލައިވް އިވެންޓް ނިމުނުފަހުން، ޝެހެނާޒް އޭނާގެ ފޭސްބުކް އެކައުންޓްގައި ވަނީ ލައިވް އިން ލިބުނު ފައިސާގެ މިންވަރު ހާމަކޮށްފައެވެ. އޭނާ ބުނީ ރުފިޔާގެ ގޮތުގައި 565،501.21ރ. ޑޮލަރުގެ ގޮތުގައި 11،015.95 ލިބުނު ކަމަށެވެ. އެއީ ޖުމްލަ 735،367.16ރ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!