ރައީސް ޑރ. މުއިއްޒަށް ޝުކުރުދަންނަވައި ޔުމްނުގެ މުޒާހަރާ ނިންމާލައިފި
ދެންމެ | 27 އޭޕްރިލް 2025

މި މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީން އެ ގެއާ ޖެހިގެން ހުރި ހ. މީޓާޒް ގޭގެ ގުދަނެއްގެ މައްޗަށް ހައްވާ ޔުމްނު ރަޝީދު 21އ ވެއްޓުނު ހާދިސާއާ ގުޅިގެން ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލައި މާލޭގައި ”ދުލެއް ނުކުރާނަން“ ގެ ނަމުގައި މާލޭގައި ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގައި ކުރާ ޑިމާންޑުތަކަށް ސަރުކާރުން އިޖާބަދޭތީ އެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކޮށްފިއެވެ.

ކޮންމެ ރެޔަކު، ޒުވާނުން އިސްވެ ކުރިއަށްގެންދާ މުޒާހަރާތަކުގައި ވަނީ ނުވަ ކަމަކަށް ސަރުކާރަށް ޑިމާންޑުކޮށްފައެވެ. އޭގެ ތެރޭގައި ކޮމިޝަނަރު އޮފް ޕޮލިސް އަލީ ސުޖާއު އިސްއިއުފާދެއްވުމާއި، މިނިވަން ކޮމިޓީއެއް ހެދުމާއި، މިނިސްޓަރު އަމީނާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އިސްތިއުފާ ދެއްވުމާއި، ރައީސް މުއިއްޒު މައާފަށް އެދިވަޑައިގަތުމާއި އިހުމާލުވާ އެންމެން ހައްޔަރުކޮށް ދައުވާކުރުން ހިމެނެއެވެ.

އެ ޑިމާންޑްތަކާއެކު ސީޕީ ސުޖާއު ރޭ ވަނީ އިސްތިއުފާ ދެއްވައިފައެވެ. އަދި ރޭ ދަންވަރު ރައީސް ވަނީ ޔުމްނު ވެއްޓުނު މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއްވެސް އުފައްދަވައިފައެވެ.

ޒުވާނުން އިސްވެ ހިންގާ މުޒާހަރާތަކަކީ ސިޔާސީ ކަމެއްކަމަށް ތުހުމަތުކުރާތީ، އެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ދެ ޒުވާނުން ކަމަށްވާ އަހުމަދު އަޝްފާގު އަދި މުހައްމަދު އަމީން ބުނީ އެއީ ސިޔާސީ ބަޔަކު ހިންގާ މުޒާހަރާއެއް ނޫން ކަމަށާއި މައިގަނޑު މަގުސަދަކީ ސިސްޓަމް ރަނގަޅުކުރުން ކަމަށެވެ.

”އަޅުގަނޑުމެން ވަރަށް ޝުކުރު އަދާކުރަން ބޭނުން އަޅުގަނޑުމެންގެ ރައީސަށް. އެއީ ރައީސް އަޅުގަނޑުމެންގެ ޑިމާންޑްތައް މަޑުމަޑުން އެބަ ކޮށްލަދޭ، އެކަމަކު އަޅުގަނޑުމެންގެ ޑިމާންޑްތައް އަދިވެސް ހުރީ ބައެއް ކަންކަން، މިސާލަކަށް ކޮމިޝަންވެސް އުފައްދަވައިދެއްވައިފި. ރައީސް، އެކަމު އަޅުގަނޑުމެންނަށް އިތުބާރުކުރެވޭ ކޮމިޝަނެއްތޯއޭ އެއީ. ކުރީ ސަރުކާރުތަކުންވެސް މިހެން ހަދާފައި އެބަހުރި،“ އަޝްފާގު ބުންޏެވެ.

އަޝްފާގު އަދި އަމީން އިތުރަށް ބުނީ، މުޒާހަރާތަކަކީ އެއްވެސް މީހެއްގެ ވަކި އެޖެންޑާއެއް ނޫން ކަމަށާއި އެއީ އެއްވެސް އޮންލައިން މީހެއްގެ އެޖެންޑާއެއްވެސް ނޫން ކަމަށެވެ. އަދި ބޭނުންވަނީ ޒުވާނުންތަކެއް އެއްވެގެން ފެއިލްވެފައި އޮތް ސިސްޓަމެއް ރަނގަޅުކުރަން ކަމަށް ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!