މަސްވެރިކަމުގައި އުޅޭ މަސްވެރިން އެ އަދާކުރަނީ ވަޒީފާއެއް ކަމަށް ބަލައިގަނެ، އެ ފަރާތްތަކަށް ލޯނި ލިބޭނޭގޮތް ހަމަޖައްސައިފިއެވެ.
މިކަމާއި ގުޅޭ އެއްބަސްވުމުގައި މަސްވެރިކަމާއި ބެހޭ ވުޒާރާއާއި ބޭންކް އޮފް މޯލްޑިވެސް އާއި ދެމެދު ސޮއިކޮށްފައި ވަނީ މިއަދު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރެއިން، މަސްވެރިކަން ވަޒީފާއެއްގެ ގޮތުގައި ބަލައިގަނެ، މަސްވެރިންނަށް ލޯނު ލިބޭނޭ ގޮތް ހައްދަވައިދެވާނެކަމަށް ވެވަޑައިގެންނެވި ވައުދުފުޅާއި އެއްގޮތަށް މަސްވެރިންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އަންނަ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބީއެމްއެލްގެ ފައިނޭންސިންގް ޚިދުމަތް ތަޢާރަފުކުރައްވާނެ ކަމަށެވެ.
މަސްވެރިކަމަކީ ވަޒީފާއެއްގޮތުގައި ބަލައިގަނެ އެ ފަރާތްތަކަށް ސަރުކާރު އެހެނިހެން މުވައްޒަފުންނަށް ލިބޭ ލޯނާއި އަދި އެނޫންވެސް ހިދުމަތްތައް ހަމަޖައްސަވައިދެއްވުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.
ވައުދުފުޅު ފުއްދެވުމުގެ ގޮތުން މި ސަރުކާރުން ވަނީ މަސްވެރިންގެ ދަފްތަރެއް ފާއިތުވި އަހަރު ފެބްރުއަރީ މަހު އިފްތިތާހުކޮށް އެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ކުރައްވާފައެވެ. އެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ސަރުކާރުގެ ހައުސިން ސްކީމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ފާއިތުވި އަހަރުގެ ނޮވެމްބަރ މަހު ސަރުކާރުން ވަނީ ދެއްވާފައެވެ.