ކާޑު ނެޓްވޯކްތައް މެދުވެރިކޮށް ރާއްޖޭގެ ޕްރޮމޯޓްކުރުމުގެ މަސައްކަތް ބީއެމްއެލުން ފަށައިފި
ދެންމެ | 30 އޭޕްރިލް 2025

ކާޑު ނެޓްވޯކްތައް މެދުވެރިކޮށް ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިހާރު ކުރިއަށްދާ އަރަބިއަން ޓްރެވެލް މާކެޓުގެ ހަވާސާގެ ތެރެއިންނެވެ. އެމްއެމްޕީއާރްސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީއެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ޝަރީފްއެވެ.

މި އެއްބަސްވުމުގެ ދަށުން ބޭންކުގެ ގްލޯބަލް ޕާޓްނަރު ނެޓްވޯކްތައް މެދުވެރިކޮށް، ދުނިޔޭގެ ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރެވޭނެއެވެ. ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވިގޮތުގައި މިކަމުގެ ސަބަބުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ އެންމެ އެކަށޭނެ ފަރާތްތައް ދެނެގަނެވި އެފަރާތްތަކަށް އެ މައުލޫމާތު ދެވުން ކަމަށެވެ.

ޝަރީފް ވިދާޅުވީ ރާއްޖެ އަންނަ ކޮންމެ ފަރާތަކީ ކޮންމެވެސް ކާޑެއް ގެންގުޅޭ ފަރާތެއް ކަމަށާއި، އެފަރާތްތަކުން ކާޑުތައް ކުރިން ބޭނުންކުރި ގޮތުގެ މައުލޫމާތު ހުންނާނެ ކަމަށެވެ. އެހެންކަމުން ރާއްޖެ އައުމަށް އެކަށީގެންވާ ވަކި ޓާގެޓަކަށް ކޮމިއުނިކޭޝަން ފޮނުވާލެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ޝިއުރީ ވިދާޅުވީ، ބޭންކުގެ އެކިއެކި ކާޑް ނެޓްވޯކްތަކާއެކު މަސައްކަތް ކުރަން ފުރުސަތު ލިބިގެން ދިއުމަކީ ޑެސްޓިނޭޝަން މާކެޓް ކުރުމަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. އެބޭފުޅުން އަތުގައި ހައިއެންޑް ކަސްޓަމަރު ބޭސްއެއް ހުންނާނެ ކަމަށާއި، ގުޅިގެން ރާއްޖޭގެ އެކިއެކި ކެމްޕެއިންތައް ކުރިއަށް ގެންދެވޭނެ ކަމަށާއި، އެކި އެކްސްޕީރިއަންސްތައް ޕްރޮމޯޓްކުރެވޭނެ ކަމަށް ޝިއުރީ ވިދާޅުވިއެވެ. މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ ރިސޯޓުތަކުންނާއި ޓޫރިޒަމް ސިނާއަތުގެ އެކި ފަރާތްތަކުން ދޭ އޮފަރތައް ކާޑު ހޯލްޑަރުންނަށް މެއިލް މެދުވެރިކޮށް ފޮނުވުމަށް މަގުފަހިވެގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!