ފުރަތަމަވެސް ބުނެލަން އޮތީ މިއުޅެނީ ވަކިސޫރަތެއް ވަކިވަރަކަށް ކިޔަވަން ބުނާކަށް ނޫނެވެ. މިބުނާވަރަށް ކިޔަވައިފިނަމަ ލިބޭނެ ފައިދާ ޔަޤީންކަމާއިއެކު އެނގެން އޮތް މިންވަރަށް ބުނެދޭށެވެ. އބޭނުންވަނީ ވީހާ ގިނައިން ކިޔަވަން ހިތްވަރުދޭށެވެ. ނަމަވެސް މަސައްކަތުގައި އުޅެންޖެހޭ ވަގުތު އތުރުވުމުން ގިނަ ބައަކު އެންމެ ބޮޑަށް ބޭނުންވާނީ މަސައްކަތް މެކުހަށް ޖަހައި ވީހައި ކުޑަކުޑަ ކަމެއް ކޮށްލައިގެން ލުއިކަމާއިއެކު އެންމެ ގިނަ ޘަވާބު ހޯދޭނެ ޢަމަލުތައް ކުރުމަށެވެ.
އެހެންކަމުން ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހަކަމާއިއެކު ކޮންމެ ތަނެއްގައި ހުރެގެން ވެސް ޘަވާބުތައް ބަރިބަރިއަށް ފުނިފުންޏަށް ޖަހައި އުސްކުރަމުން ގެންދެވިދާނެ ކަމަކާއިމެދު ވިސްނައިލަމާ ހެއްޔެވެ.
ކީރިތި ޤްރްއާނުގެ ފުރަތަމަ ސޫރަތް، އަލްޙަމްދުގައި ވަނީ 7 ޢާޔަތެވެ. 29 ކަލިމައެވެ. 141 އަކުރެވެ. މިއިން ކޮންމެ އަކުރަކަށް މަދުވެގެން 10 ސަވާބު ދެއްވަވާނެ އިރު އަލްޙަމްދު ކިޔަވައިލުމުން 1410 ޘަވާބު ލިބިގެން އެބަދެއެވެ. އިތުރުކޮށް ދެއްވަވާނެ މިންވަރު ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.
ހަމައެއާއިއެކު އަލްޙަމްދް ނުވަތަ ސޫރަތުލްފާތިޙާއަކީ ކީރިތި ޤްރްއާނުގެ ދެބައިކުޅަ އެއްބައިކަމުގައި ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ. ސޫރަތުލް ފާތިޙާ 10 ފަހަރު ކިޔަވަން ބޭނުންވާނީ ގިނަ ވެގެން 7 މިނީޓް އިރެވެ. އެ 7 މިނިޓްތެރޭގައި އަލްޙަމަދު 10 ފަހަރު ކިޔަވައިގެން 14100 ޘަވާބު ހާޞިލުކުރެވިދާނެއެވެ. އިތުރުކޮށް ދެއްވަވާނެ މިންވަރު ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.
ދެން ބަލައިލަންވީ ކީރިތި ޤްރްއާނުގެ ތިންބައިކުޅަ އެއްބައި ކަމުގައި ރަސޫލް (ﷺ) ބަޔާންކޮށްދެއްވަވާފައިވާ އިޚްލާޞް ސޫރަތަށެވެ. އިޚްލާޞް ސޫރަތުގައި ވަނީ އެންމެ 4 އާޔަތެވެ. 17 ކަލިމައެވެ. 47 އަކުރެވެ. މިއިން ކޮންމެ އަކުރަކަށް މަދުވެގެން 10 ޘަވާބު ދެއްވަވާނެ އިރު މިސޫރަތް ކިޔަވައިލުމުން 470 ޘަވާބު ލިބިގެން އެބަދެއެވެ. އިތުރުކޮށް ދެއްވަވާނެ މިންވަރު ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.
ލަސްލަހުން ރިވެތިކޮށް ކިޔެވިނަމަވެސް އިޚްލާޞް ސޫރަތް 10 ފަހަރު ކިޔަވަން ބޭނުންވާނީ އެންމެ 4 މިނިޓް އިރެވެ. އެއިގ މާނައަކީ 4 މިނިޓް އިރުގެ ތެރޭގައި އިޚްލާޞް ސޫރަތް 10 ފަހަރު ކިޔަވައި 4700 ހޯދުމުގެ ފުރުޞަތު އެބައޮތްކަމެވެ. އިތުރުކޮށް ދެއްވަވާނެ މިންވަރު ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ހަމަ އެއާއިއެކު އިޚްލާޞް ސޫރަތަކީ ކީރިތި ޤްރްއާނުގެ ތިންބައިކުޅަ އެއްބައި ކަމުގައި ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅޚު ކުރައްވަވައިފައެވެ.
ޖުމުލަ ހަދައިލަމާހެއްޔެވެ؟ ސޫރަތުލްފާތިޙާ ކިޔަވައިގެން ކީރިތި ޤްރްއާނުގެ ދެބައިކުޅަ އެއްބައާއިއެއްވަރުގެ ދަރަޖަ 10 ފަހަރު ހޯދަން މިބޭނުންވަނީ އެންމެ 6 ވަރަކަށް މިނިޓެވެ. އެންމެ އަސާސީ މިންގަނޑުން ބެލިނަމަވެސް 14100 ޘަވާބުވެސް ލިބުމާއިއެކުގައެވެ. އިޚްލާޞް ސޫރަތް ކިޔަވައިގެން ކީރިތި ޤްރްއާނުގެ ތިންބައިކުޅަ އެއްބައާއިއެއްވަރުގެ ދަރަޖަ 10 ފަހަރު ހޯދަން މިބޭނުންވަނީ އެންމެ 4 ވަރަކަށް މިނިޓެވެ. އެންމެ އަސާސީ މިންގަނޑުން ބެލިނަމަވެސް 4700 ޘަވާބުވެސް ލިބުމާއިއެކުގައެވެ.
މާނައަކީ ހިތުދަސް ވަރަށް ފަރިތަ ދޫމައްޗަށް އެހައިމެ ކިޔަން ފަސޭހަ މި 2 ސޫރަތް ކިޔަން 10 މިނިޓް ހޭދަކުރުމުން އެންމެ އަސާސީ މިންގަނޑުން ބެލި ނަމަވެސް 18800 ޘަވާބު ލިބުމަށް އުންމީދުކުރެވިދާނެ ކަމެވެ.
މިފަދަ މަތިވެރި އަޅުކަން ކުރަން ވަކި ވަގުތެއްވެސް އަދި ވަކިތަނެއްވެސް ނެތެވެ. ލިބޭ ކޮންމެ ހުސްވަގުތުކޮޅެއްގެ ބޭނުންވެސް ކުރަމުން ގެންދަންވީއެވެ. މީޒާނުގައި ހެޔޮކަމުގެ ކޮޅަށް ދާނީ އިންތިހާއަށް ބަރުވަމުންނެވެ! އިން ޝާ ﷲ
–އިސްލާމީ ތިލަފަތުގެ ދަރުސަކުން