އެމްޑީޕީ ރޫހްނެތި ބަގުރޫޓް ވެއްޖެ: ރީކޯ މޫސަ
ދެންމެ | 01 މެއި 2025

މަސައްކަތްތެރިންގެ ހައްގުގައި ފާހަގަކުރާ މޭޑޭ ނުވަތަ މެއި އެއްވަނަ ދުވަހު ފެނިގެން މިދިޔައީ، އިދިކޮޅު މައި ޕާޓީއެއްގެ ގޮތުގައި އެމްޑީޕީއަށް ފުރިހަމައަށް ޒިންމާ އަދާނުކުރެވުނު މަންޒަރުކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

މޭޑޭއާ ގުޅޭގޮތުން މީސްމީޑިއާއަށް ދޫކޮށްލެއްވި ވީޑިއޯއެއްގައި މޫސަ ވަނީ، 2006 ވަނަ އަހަރުން ފެށިގެން މޭޑޭގެ ރެލީގައި އެމްޑީޕީން އަދާކުރި ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެހެންނަމަވެސް މި ފަހަރުގެ ރެލީގައި އެ މަންޒަރު ނުފެންނަކަން ފާހަގަކުރައްވައި މޫސަ ވިދާޅުވީ، 2025 ވަނަ އަހަރާ ހަމައަށް އައިއިރު އެމްޑީޕީގެ ގިނަ ހަރަކާތްތަކެއް ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި، ހާއްސަ ގޮތެއްގައި މޭ ޑޭގެ ރެލީއިން އެކަން ވަރަށް ބޮޑަށް ފެނިގެންދިޔަ ކަމަށެވެ.

އެމްޑީޕީގެ ވެރިންނަށް މިއަދު އޮތް ހަމައެކަނި ކަމެއްގެ ގޮތުގައި ފެންނަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުންކަމަށް ވިދާޅުވެ މޫސަ ވަނީ އެ ޕާޓީގެ ލީޑަރޝިޕަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ.

އެމްޑީޕީގެ ”ރޫހު ނެތި“، އެމްޑީޕީގެ މެމްބަރުންގެ ބައިވެރިވުމެއް ނެތި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ކުރިމަތިލައިގެން އެމްޑީޕީއަށް ކުރިމަތިވާނީ ނާކާމިޔާބީކަމަށް މޫސާ މަނިކު ވިދާޅުވިއެވެ. މި ފަހުން ބޭއްވި އިންތިޚާބުތަކުގައި އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބީތަކަކީ، އެ ޕާޓީގެ މެމްބަރުންގެ ބައިވެރިވުން ނެތި ކަންކަން ކުރުމުން ލިބުނު ނާކާމިޔާބީއެއްކަމަށް މޫސަ ވިދާޅުވިއެވެ.

އެހެންކަމުން، އެމްޑީޕީ ކުރިއަށް ގެންދެވޭނީ އެ ޕާޓީގެ ލީޑަރޝިޕް ބަދަލުކޮށްގެން ކަމަށް ވަނީނަމަ، ލީޑަރޝިޕް ބަދަލުކޮށްގެން ވިޔަސް ކުރީގެ އެމްޑީޕީ އަނބުރާ ގެންނަން ޖެހޭކަމަށް މޫސަ ވިދާޅުވިއެވެ.

މޭޑޭ ރެލީގައި އެމްޑީޕީގެ މާބޮޑު ދައުރެއް ނެތްކަމަށް ވިދާޅުވެ އެ ޕާޓީގެ ލީޑަރޝިޕަށް މޫސަ ފާޑުވިދާޅުވިއިރު، ރާއްޖެއަށާއި އެމްޑީޕީއަށް އަދި ދަ ޑިމޮކްރެޓްސްއަށް ވެސް މިވަގުތު އެންމެ ރަނގަޅު ގޮތަކީ އެ ދެ ޕާޓީ ގުޅިގެން މަސައްކަތްކުރުންކަމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމުން، އެ ޕާޓީގެ އެތެރޭގައި ރައީސް ނަޝީދާ މެދު ހިތްހަމަނުޖެހުން އެބަ އޮތްކަމަށާއި، ކަން އެހެން އޮތްނަމަވެސް ރައީސް ނަޝީދު އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފިނަމަ އެކަމަށް މަރުހަބާ ކިޔުއްވާނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވުމާ ގުޅިގެން ވެސް މޫސަ ފާޑުވިދާޅުވިއެވެ.

މޫސަ އަންނަނީ މިފަހަކަށް އައިސް އެމްޑީޕީގެ ލީޑަރޝިޕަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވަމުންނެވެ. އެގޮތުން، އެމްޑީޕީގައި އިސް ބޭފުޅެއްގެ ގޮތުގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ހުންނަވާނަމަ، އެ ޕާޓީގެ ލީޑާޝިޕް އެއްކޮށް އިސްތިއުފާދީ މެންބަރުން ގޮވައިގެން އުޅޭނެ ބަޔަކަށް ފުރުސަތު ދިނުމަށް މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި މޫސަ ގޮވާލައްވާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!