އިސްރާއީލް ޕާސްޕޯޓު މަނާކުރުމަކީ ރާއްޖޭގެ ތާރީޚުގައި ނިންމުނު ފަޚުރުވެރި ނިންމުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އަސާސަކީ ހުރިހާ ހާލަތެއްގައިވެސް ދިވެހިން އިސްކުރުންކަމަށެވެ. އަދި ދިވެހިންނާއި ރާއްޖެއަށް ފައިދާވާކަންކަމުގައި ޤައުމުތަކާއެކު ގުޅިގެން މަސައްކަތް ކުރުންކަމަށެވެ.
”މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ”މޯލްޑިވްސް ފަސްޓް ޕޮލިސީ“. މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އަސާސަކީ ހުރިހާ ހާލަތެއްގައިވެސް ދިވެހީންގެ މަސްލަހަތު އިސްކުރުން. ދިވެހިންގެ މިނިވަންކަމާ، ސިޔާދަތީ ބާރު ހިމާޔަތްކޮށް ދެމެހެއްޓުން. އަދި މި ހަމައިގެ މަތީގައި ހުރިހާ ޤައުމަކާ ގާތް ގުޅުމެއް ބޭއްވުން” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އިސްރާއީލުގެ ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމެވި ނިންމެވުމަކީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން އަދި ރާއްޖޭގެ ތާރީޚުގައިވެސް އެޅުނު ފަޚުރުވެރި ނިންމުމެއްކަމަށެވެ.
ރާއްޖޭން އަބަދުވެސް ތިބޭނީ ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އިސްރާއީލުގެ ޕާސްޕޯޓު މަނާކޮށް، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވީ މިދިޔަމަހުގެ 15 ވަނަ ދުވަހުއެވެ. އެމަނިކުފާނު މި ބިލު ތަސްދީޤުކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކުރުމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.
މި ބިލުގެ ބޭނުމަކީ އިސްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ދިވެހިރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމެވެ.
ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްޠީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުންދާއިރު، އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާގޮތުގެ މަތީން، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ ގޮވައިލައްވައިފައެވެ.