ކުރީގެ ސަރުކާރުން އެހެން ގައުމުތަކާއެކު ހަދާފައިވާ އަަސްކަރީ އެއްބަސްވުންތަކަށް އިސްލާހު ގެނެސްފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުން ހެދި އަސްކަރީ އެއްބަސްވުންތަކުގެ ތެރެއިން ކަންބޮޑުވުން އޮތް އެއްބަސްވުން އުވާލާފައިވާ ކަމަށެވެ. އަދި ދެން ހުރި އެއްބަސްވުންތަކުގައި ހުރި ކަންބޮޑުވާ ކަންކަން އިސްލާހުކުރަން މަޝްވަރާކޮށް ހައްލު ހޯދިފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.
”މިހާރަކު ނެތޭ ކަންބޮޑުވާންޖެހޭ ކަމެއް. އެކަމަކު އިސްލާހު ގެނެވިފަ އޮތް އެއްބަސްވުން ވިޔަސް ހާމަކުރުމުގަ މި ކޮންފިޑެންޝިއަލިޓީ ކްލޯސް އިންނާތީ ބައިލެޓްރަލް ޑިސްކަޝަންސްތަކެއް އެބަ ކުރިއަށް ދެޔޭ،“ ރައީސް ވިދާޅުވި އެވެ.
އެއްބަސްވުންތަކުގައި އިސްލާހުކުރީ ކޮން ކަންކަމެއްތޯ، ކޮން އެއްބަސްވުންތަކެއްތޯ ސުވާލު ދެންނެވުމުން ރައީސް ވަނީ އެ ތަފުސީލުތައް ހާމަކުރަންވަން ދެކޮޅު ހައްދަވާފައެވެ. ރައީސް ވިދާޅުވީ ތަފުސީލުތައް ސިއްރުކުރަން ލަފާދިނީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގައި މިހާރު އިންޑިޔާ ސިފައިން ނުތިބޭ ކަމަށެވެ. ރައީސް މުޢިއްޒު ވިދާޅުވީ، އިންޑިޔާގެ ހެލިކޮޕްޓަރާއި ޑޯނިއާ މިހާރު ދުއްވަނީ މަދަނީ މުވައްޒަފުން ކަމަށާއި، އިންޑިޔާގެ މިލިޓަރީ މުވައްޒަފުން ވަނީ ރާއްޖެއިން ފުރާފައި ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، އިންޑިޔާގެ މިލިޓަރީ މުވައްޒަފުން ފައިބާފައި، މިހާރު ތިބީ މަދަނީ މުވައްޒަފުން ކަމަށެވެ. އަދި އެ ބޭފުޅުން ފޭބި ތާރީޚުތައް ވެސް ކުރިން ހާމަކުރައްވާފައިވާނެ ކަމަށް ވިދާޅުވިއެވެ. ރައީސް މުޢިއްޒު ވިދާޅުވީ، މިހާރު ތިން ޕްލެޓްފޯމު ދުއްވަނީ ވެސް މަދަނީ މުވައްޒަފުން ކަމަށެވެ.
”އެހެންވީމާ ވަޢުދު ވަރަށް ފުރިހަމައަށް ފުއްދާފައި ވެއްޖެ. މިހާރު މި ޤައުމުގައި އެއްވެސް ޤައުމެއްގެ ބޭރު ސިފައިންނެއް ގާއިމުވެފައެއް ނެތް. އެހެންވީމާ އެކަން އެ ވަނީ ހަމަ ވަރަށް ފުރިހަމައަށް،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.