ރާއްޖޭގައި އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ މިސްކިތް އިމާރާތްކުރެވޭނެ އަހަރަކީ މި އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، މި އަހަރާއި މިއަންނަ އަހަރު ޖުމްލަ 2،130 މަޝްރޫއެއް ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ. އޭގެ ތެރެއިން 50 މިސްކިތެއްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، 20 މިސްކިތެއްގެ މަސައްކަތް މި އަހަރު ނިމިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވިގޮތުގައި މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 21 މިސްކިތެއްގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދި ދާދިފަހުން ސޮއިކުރި 17 މަޝްރޫއެއްގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެއެވެ. މީގެއިތުރުން، އިސްލާމީ ދާއިރާއާ ގުޅުންހުރި މުހިންމު މަޝްރޫއުތަކެއްގެ މައުލޫމާތުވެސް ރައީސް ހިއްސާކުރެއްވިއެވެ. މިގޮތުން، ހުޅުމާލޭ ފޭސް 1 ގައި އިމާރާތްކުރާ ”ދާރުއްސަލާމް އިސްލާމިކް ކޮމްޕްލެކްސް“ އާއި މާލޭގައި އިމާރާތްކުރާ ”ދާރުލްއަރްގަމް“ މިހާރު ވަނީ ޕްރީޓެންޑަރިން މަރުހަލާގައި ކަމަށް ވިދާޅުވިއެވެ.
ރައީސް މުއިއްޒު އިތުރަށް ހާމަކުރެއްވި ގޮތުގައި ކީރިތި ގުރުއާނާ ބެހޭ ހާއްސަ ވަގުފު އިމާރާތެއް އެޅުމަށް ރަސްފަންނު ސަރަހައްދުން 10،000 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައިވެއެވެ. މި ތިން ވަގުފު އިމާރާތް އެޅުމުން ލިބޭ އާމްދަނީގެ ތެރެއިން އިސްލާމީ އެކިއެކި ކަންކަމަށް ހަރަދުކުރުމަށް ކޮންމެ އަހަރެއްގެ ބަޖެޓު ތެރެއިން ނުނަގާ ވަރަށް ގިނަ ކަންކަން ކުރެވިގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އޭގެ ތެރޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އެކިކަހަލަ ޕްރޮގްރާމްތައް ހިންގުން ހިމެނޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.