ރާއްޖެއަށް ޔޫޓިއުބާއި ޓިކްޓޮކުން ލާރި ލިބި، ޓިކްޓޮކްސަމާ އާއި ޔޫއްޓޭމެން ފަދަ ޒުވާނުން ހެއްވާލުުގެ މަސައްކަތް ރައީސް ފައްޓަވައިފި
ދެންމެ | 04 މެއި 2025

ރާއްޖޭގައި ޓިކްޓޮކް އަދި ޔޫޓިއުބް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް އާމްދަނީ ހޯދުމުގެ ފުރުސަތު ހުޅުވާލުމަށް ސަރުކާރުން މަސައްކަތް ފަށައިފިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މި ޕްލެޓްފޯމްތަކުން އާމްދަނީ ލިބޭނެ ގޮތް ހަމަޖެއްސުމަށް ބޭނުންވާ ގާނޫނީ އަދި ރެގިއުލޭޓަރީ އޮނިގަނޑު ތައްޔާރުކުރުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދާ ކަމަށެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ބައިނަލްއަގުވާމީ ފައިސާ ޓްރާންސްފާ ކުރުމުގެ ނިޒާމުތަކާ ގުޅޭގޮތުން ބައިނަލްއަގުވާމީ ފަރާތްތަކާވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. މި މަސައްކަތްތައް ކާމިޔާބު ވެއްޖެނަމަ، ރާއްޖޭގެ ޒުވާނުންނަށް އާމްދަނީ ލިބޭނެ އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ދާދި ފަހުން ރައީސް މުއިއްޒު ވަނީ ރާއްޖެ ވަޑައިގެންނެވި ޓިކްޓޮކްގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި މީސް މީޑިއާ އަދި ޕްރޮމޯޝަނަލް ކަންކަމުގައި އަދި ޑިޖިޓަލް އިކޮނޮމީގައި ޓިކްޓޮކްގެ ދައުރު ފުޅާކުރުމާ ގުޅޭގޮތުން ވާހަކަދެކެވުނު ކަމަށް ރައީސް ވިދާޅުވިއެވެ. ޓޫރިޒަމް ޕްރޮމޯޝަން އަދި ޕޭމެންޓް ސިސްޓަމް އިތުރަށް ބޭނުންކުރެވޭނެ ގޮތްތައް ފަހިކުރުމާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރާއްޖެ ޑިޖިޓަލައިޒް ކުރުމަކީ ސަރުކާރުގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!