އިސްރާއީލަށް ދިން ހަމަލާގެ ރައްދުދީފިނަމަ ވަރުގަދަ ރައްދެއް ދޭނަން: އީރާން
ދެންމެ | 05 މެއި 2025

ދާދިފަހުން އިސްރާއީލުގެ މައި ވައިގެ ބަނދަރަށް ދިން ހަަމަލާގެ ރައްދެއް ދީފިނަމަ ވަރުގަދަ ހަމަލާއެއް ދޭނެކަމަށް އީރާން ބުނެފިއެވެ.

އީރާނުގެ ދިފާއީ ވަޒީރު އަޒީޒް ނާސިރުޒާދޭ އާދީއްތަ ދުވަހު ވަނީ އެމެރިކާ އަދި ނިރުބަވެރި އިސްރާއީލަށްވެސް މި އިންޒާރުގެ މެސެޖު ދީފައެވެ.

ނާސިރުޒާދޭ މިހެން ވިދާޅުވެފައިވަނީ އިސްރާއީލުގެ މައި ވައިގެ ބަނދަރަށް ތެހެރާނުގެ ތާއީދު އޮންނަ ހޫތީ ޖަމާއަތުން ފޮނުވި މިސައިލު އަމާޒު ވުމާގުޅިގެން އީރާނާ ދެކޮޅަށް ބަދަލު ހިފުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުވާ ކުރެއްވުމުންނެވެ.

”މި ހަނގުރާމައަކީ އެމެރިކާ ނުވަތަ ޒަޔަނިސްޓް ވެރިކަން (އިސްރާއީލް) އިން އިސްނަގައިގެން ކުރާ ހަނގުރާމައެއް ނަމަ، އީރާނުން އެމީހުންގެ މަސްލަހަތާއި މަރުކަޒުތަކާއި ބާރުތަކަށް އަމާޒުކުރާނެ – އެމީހުން ތިބި ކޮންމެ ތަނަކަށް ހަމަލާދޭނެ“ އީރާނުގެ ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ނާސިރުޒާދޭ ވިދާޅުވި އެވެ.

ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަވުމަށް އީރާނުން ތައްޔާރަށް އޮތް އިރު އެ ގައުމާ އިސްރާއީލުން އަދި ނުކުޅޭކަން ފާހަގަ ކުރެވެއެވެ. ހަމާސްގެ ހަނގުރާމަވެރިންނަށް އެހީތެރިވުމުގެ ގޮތުން އީރާނާ ގުޅިފައިވާ ހޫތީން އަންނަނީ އިސްރާއީލަށް މިސައިލްތަކާއި ޑްރޯންތައްވެސް ފޮނުވަމުންނެވެ.

މާރިޗް މަހުގެ 15 ވަނަ ދުވަހުން ފެށިގެން އިސްރާއީލަށް ވާގިވެރިވާ އެމެރިކާއިން އަންނަނީ ޔަމަނުގައި ތިބި ހޫތީގެ ބާރުގަދަ ތަންތަނަށް ހަމަލާ ދެމުންނެވެ. އަދި އެ ޖަމާއަތުން ދޭ ކޮންމެ ހަމަލާއެއްގެ ޒިންމާ އީރާނުން އުފުލާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވައުދުވެފަ އެވެ.

ޓްރަމްޕުގެ މި އިންޒާރާ ގުޅިގެން ނާސިރުޒާދޭ ވިދާޅުވީ އީރާނުން ”އަވަށްޓެރި ގައުމުތަކާ މެދު އެއްވެސް ޢަދާވާތްތެރިކަމެއް ނެތް“ ކަމަށެވެ. އަދި އެގައުމަށް ހަމަލާއެއް ދީފިނަމަ އެ ސަރަހައްދުގައި ހުންނަ އެމެރިކާގެ މަރުކަޒުތަކަކީ ތެހެރާނުގެ އަމާޒުތަކެއްގެ ގޮތުގައި ބަލާނެ ކަމަށް ވެސް ނާސިރުޒާދޭ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!