ބަޔަކު މޭކަރައި ކުދިކުދި ވިޔަސް އަރަބި އިސްލާމީ ގައުމުތަކުން ރައީސް ޑރ. މުއިއްޒާއި ދިވެހިންގެ އަތުގައި ބާރަށް ހިފާލައިފި!
ދެންމެ | 06 މެއި 2025

ދިވެހިރާއްޖެއާއި އަރަބި ގައުމުތަކާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާވެ، ތަރައްގީގެ އާ ހަރުފަތަކަށް ދިވެހިރާއްޖެ ޖެހިލައިފިއެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވެ، ދިވެހިރާއްޖެއިން ވަނީ އަރަބި ގައުމުތަކާއެކު ސިޔާސީ އަދި އިގްތިޞާދީ ގުޅުން އިތުރަށް ބަދަހިކޮށްފައެވެ.

މީގެ ނަތީޖާއެއްގެ ގޮތުން، ވިޔަފާރީގެ ދާއިރާއިންނާއި ފަތުރުވެރިކަމުގެ ދާއިރާއިން ގިނަގުނަ ކުރިއެރުންތަކެއް ވަނީ ހާސިލުކުރެވިފައެވެ. އަދި ހަމައެހެންމެ، ތަޢުލީމީ އަދި ޘަޤާފީ ބަދަހިކަން އިތުރުވެ، ދެފަރާތުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

ޚާއްޞަކޮށް ގަތަރު ދައުލަތާއެކު ދިވެހިރާއްޖޭގެ ގުޅުން ވަނީ ފާހަގަކޮށްލެވޭ ފަދަ ގޮތަކަށް ކުރިއަރާފައެވެ. ދެ ގައުމުގެ މެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުވެ، އިންވެސްޓްމަންޓްތަކާއި އެހީތެރިކަން ވަނީ ފުޅާވެފައެވެ.

މީގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިޞާދަށް ފާހަގަކޮށްލެވޭ ކުރިއެރުމެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.

އަރަބި ގައުމުތަކާއެކު ގުޅުން ބަދަހިވުމުގެ ސަބަބުން، ދިވެހިރާއްޖޭގައި ގިނަ އަދަދެއްގެ ބޮޑެތި ތަރައްގީގެ ޕްރޮޖެކްޓްތައް ވަނީ ފެށިފައެވެ.

މީގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުތަކާއި، ހަކަތައިގެ ދާއިރާއިން ކުރިއަށްގެންދާ މަޝްރޫޢުތައް ހިމެނެއެވެ. މި ޕްރޮޖެކްޓްތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އުމްރާނީ ތަރައްގީއަށް ބޮޑު ކުރިއެރުމެއް ލިބި، ވަޒީފާގެ ފުރުޞަތުތައް އިތުރުވެފައިވެއެވެ.

އޭގެ ހެއްކެއްގެ ގޮތެއްގައި މިއަދުވެސް ވަނީ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއާއިއެކު މުހިންމު މަޝްރޫއެއްގައި ސޮއިކޮށްފައެވެ. މިއީ 8.8 ބިލިއަން ޑޮލަރުގެ ބިޔަބޮޑު މަޝްރޫއެކެވެ.

“މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު” ގެ ނަމުގައި ޤާއިމުކުރާ މި މަރުކަޒު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް 3 ގައެވެ. މިއީ ރާއްޖޭގެ އިޤްތިޞާދު މުޅިން ބަދަލުކޮށްލާ، ވަކިން ޚާއްސަކޮށް ފަތުރުވެރިން އައު ހަރުފަތަކަށް ގެންގޮސްދޭނެ މަޝްރޫޢެކެވެ. މިއަހަރު ރާއްޖޭގެ އިޤްތިޞާދު %6.4 ކުރިއަރާނެކަމަށް ލަފާކުރެވޭއިރު، މި ފެށޭ މަޝްރޫޢާއެކު އިޤްތިޞާދު ސިންދަފާތު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައިވެސް އައު ދޮރުތަކެއް ހުޅުވިގެންދާނެކަމީ ޔަގީންވާކަމެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރު ހަޤީޤަތަކަށް ހެދުމަށާއި، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް އިތުރުކުރުމުގައިވެސް މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫއެކެވެ.

އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ރައީސް ޝައިޚް ނަޔެފް ބިން ޢީދް އަލް ޘާނީ ވަނީ ރާއްޖޭގެ ތަރައްޤީއަށް ހިންގޭ މިފަދަ އުއްމީދީ މަޝްރޫޢެއްގައި ބައިވެރިވެވޭކަމީ ލިބޭ އުފަލެއްކަމަށް ވިދާޅުވެފައެވެ. އަދި މިއީ ރާއްޖޭގެ އިޤްތިޞާދީ މިސްރާބު މުޅިން އައު އުސްމިންތަކަކަށް ގެންގޮސްދީ، ޒަމާނީ އިޖާދީ ކުރިއެރުންތަކެއް ލިބިގެންދާނެ މަޝްރޫޢެއްކަމަށެވެ. ހަމައެހެންމެ މިއީ ރާއްޖޭގައި ފައިނޭންޝަލް ޓޫރިޒަމް ފުޅާކޮށް، ފަތުރުވެރިކަމާއި އެނޫންވެސް ދާއިރާތަކަށް އިންވެސްޓަރުން ހޯދުމަށްވެސް ހުޅުވޭ މަގެއްކަމަށް އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ރައީސް ވިދާޅުވިއެވެ.

އަރަބި ގައުމުތަކާއެކު ދިވެހިރާއްޖޭގެ ގުޅުން ވަރުގަދަވުމުގެ ސަބަބުން، ރާއްޖޭގެ އިގްތިޞާދީ އަދި އިޖްތިމާޢީ ދާއިރާތަކަށް ވަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ލިބިފައެވެ. މި ގުޅުން އިތުރަށް ބަދަހިކުރުމަކީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް މުހިންމު ކަމެއްކަން ފާހަގަކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!