ރާއްޖެއަށް ވޭޕް އެތެކުރި ވަކިވަކި ފަރުދުންގެ މައްޗަށް އައިސްފައިވާ ޖޫރިމަނާގެ އަދަދު 88 މިލިއަން ރުފިޔާ އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.
ކަސްޓަމުން މި މައުލޫމާތު ދީފައިވަނީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަަޅާފައިވާ ބިލަށް ހިޔާލު ހޯދަން ބޭއްވި ބައްދަލުވުމުގައެވެ.
ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސްޕްރިންޓެންޑެންޓް އަހުމަދު ސިމާހު ވިދާޅުވީ ގާނޫނުގައި މިހާރު އޮންނަނީ ވޭޕް އެތެރެކޮށްފިއްޔާ 50،000 ރުފިޔާގެ ޖޫރިމަނާއެއް ކަމަށެވެ. އެއަށް ފަހު ފެންނަ އިތުރު ކޮންމެ އާލާތަކަށް 10،000 ރުފިޔާ އިތުރުވާނެ ކަމަށާއި އެއާއެކު ވަކި ވަކި ފަރުދުންގެ މައްޗަށް ބޮޑެތި ޖޫރިމަނާތަކެއް އަންނަ ކަމަށެވެ.
މިފަދަ ދެ ކޭހެއްގައި އެކަކު 48 މިލިއަން ރުފިޔާއިން އަދި އަނެކަކު 40 މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަަމަށްވެސް ސިމާހު ވިދާޅުވި އެވެ. ނަމަވެސް އެގޮތަށް ޖޫރިމަނާ ކުރާ ފައިސާ ނުލިބުމަކީ ކަންބޮޑުވުމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
”އަޅުގަނޑުމެންނަށް އެކަން ތަންފީޒު ކުރެވޭނެ، އެއީއެއް ނޫން މައްސަލައަކީ. އެގޮތަށް ގާނޫނުގައި ކަނޑައަޅާއިރު، އަމިއްލަ ފަރުދަކު އެވަރުގެ ޖޫރިމަނާއެއް ކޮށްގެން އެ ފައިސާ ލިބޭނެތޯ، ވިސްނާލަންޖެހޭ،“ ސަމާހު ވިދާޅުވި އެވެ.
ސަމާހު ވަނީ ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ހަދާއިރު އެއީ ތަންފީޒު ކުރާން ފަސޭހަ ގާނޫނު ތަކަކަށް ވާންޖެހޭ ކަމަށްވެސް ވިދާޅުވެފަ އެވެ.
ފާއިތުވި އަހަރުގެ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުން ކުރުން ވަނީ މަނާކޮށްފަ އެވެ. ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކުރުމަކީވެސް މިހާރު ގާނޫނީ ގޮތުން ކުށެކެވެ.