ވިޔަފާރި ބޭންކުން ދަނޑުވެރިންނަށް 15 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފި
ދެންމެ | 07 މެއި 2025

އެސްޑީއެފްސީން ދަނޑުވެރިކަމުގެ ބޭނުމަށް މިދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި 15 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ، އެސްޑީއެފްސީއާ ގުޅިގެން ދޫކުރާ ”ދަނޑުވެރި ނަފާ“ ލޯނު ސްކީމްގެ ދަށުން މިހާތަނަށް އެންމެ ގިނަ މީހުން ލޯނު ނަގާފައި ވަނީ ޒަމާނީ ދަނޑުވެރިކަން ކުރުމަށް ކަމަށެވެ.

އެ ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު 2019 ވަނަ ހުޅުވާލި އިރު، މިދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި 15.9 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

”ދަނޑުވެރި ނަފާ“ ލޯނު ސްކީމަށް ހުޅުވާލީ ދެ ކެޓަގަރީއަކުންނެވެ. އެއީ 100،000ރ. އާ ހަމައަށް ނެގޭ، ގިނަވެގެން ތިން އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭ ލޯނަކާއި 100،000ރ. އިން ފެށިގެން ދެ މިލިޔަން ރުފިޔާއާ ހަމައަށް، ގިނަވެގެން ހަތް އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭ ގޮތަށް ދޫކުރާ ލޯނެކެވެ. އެ އިން ކޮންމެ ލޯނަކަށް ވެސް އަހަރަކު ހަ ޕަސެންޓުގެ އިންޓްރެސްޓެއް ނަގަ އެވެ.

އެގްރިކަލްޗަރު މިނިސްޓްރީން ބުނި ގޮތުގައި، މިދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި 100،000ރ. އާ ހަމައަށް ދޭ ލޯނު 18 މީހަކު ނަގާފައިވެ އެވެ. އެއީ 1.4 މިލިއަން ރުފިޔާ އެވެ. އަދި ދެ މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ ލޯނު 23 މީހަކު ނަގާފައިވާއިރު، އެއީ ޖުމްލަ 14.5 މިލިއަން ރުފިޔާ އެވެ.

މިނިސްޓްރީން ބުނީ ގިނަ މީހުން ލޯނު ނަގާފައި ވަނީ ”ވާޓިކަލް ފާމިން“ އާއި ”ގްރީން ހައުސް ފާމިން“ އަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!