ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބޯހިޔާވަހިކަމުގެ ބިލަށް އާންމުންގެ ހިޔާލު ހުށައެޅުމަށް ހުޅުވާލައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލް މަޖިލިހަށް ހުށައެޅުއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދެވެ. މި ބިލިގެ ބަހުސް މަޖިލީހުގައި ފަށާ ދިރާސާކުރަން ވަނީ ކޮމެޓީއަށް ފޮނުވާފައެވެ.
ރައްޔިތުންގެ މަޖިލީހުން ބީހިޔާވަހިކަމުގެ ބިލަށް އެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތް ނަމަ، މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީއަށް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.
އެގޮތުން ކޮމިޓީގެ އީމެއިލް އެޑްރެސް، [email protected] އަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުންވެސް ހިޔާލު ފޮނުވާނެކަމަށް މަޖިލީހުން ބުނެއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް، ރައްކާތެރި، އަދި ދިރިއުޅުމުގެ ބޭނުންތަކަށް ފުދޭ، އެކަށީގެންވާ ބޯހިޔާވަހިކަމަށް ވާސިލުވުމަށް ހުރި ފުރުސަތުތަކުގެ ބޭނުން ފަސޭހަކަމާއެކު ހިފޭނެ ބޯހިޔާވަހިކަމުގެ ނިޒާމެއް ގާއިމުކޮށް، އެ ނިޒާމުގެ ދަށުން، ބޯހިޔާވަހިކަމަށް އެންމެ ބޭނުން ޖެހިފައިވާ ފަރާތަކަށް ދިރިއުޅޭނެ ތަންތަން ހޯދައިދިނުމަށް މަގު ފަހިކޮށްދިނުމަށްޓަކަައި އެފަދަ ފަރާތްތަކަށް ހާއްސަކޮށް ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތައް ހިންގުމުގެ އުސޫލްތައް ކަނޑައެޅުންކަމަށެވެ.
މީގެއިތުރުން ބޯހިޔާވަހިކަމުގެ މަސްރޫޢުތައް ހިންގާ ފަރާތްތައް އެފަދަ މަސްރޫއުތައް ހިނގަނީ ޒިންމާދާރުކަމާއެކު އަދި ދެފުށް ފެެންނަ އުސޫލުތަކެއްގެ ދަށުންކަން ކަށަވަރުކުރުމަށްޓަކައި ބޯހިޔާވަހިކަން ފޯރުކޮށްދޭ ފަރާތްތައް ރަޖިސްޓަރީކުރުމާގުޅޭ އުސޫލުތަކާއި އެފަދަ މަޝްރޫއުތައް ހިންގުމުގެ އުސޫލުތައް ކަނޑައެޅުމާއި، ބީހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ތަރައްކުރެވޭ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތަކާއި ވަސީލަތްތައް ކަނޑައެޅުމާއި އެނޫންވެސް މާގުޅޭ އުސޫލުތައް ބަޔާބްކުރުންކަމަށް އެ ބިލުގައިވެއެވެ.