ރައީސްގެ އިރުސާދަށް، ފަހުގެ ޖީލަށް ދުންފަތް މަނާކުރަން މަޖިލީހުން ފާސްކޮށްފި
ދެންމެ | 13 މެއި 2025

”ޖެނަރޭޝަނަލް ބޭން“ގެ ދަށުން 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރަން ކެބިނެޓުން ނިންމި ނިންމުން ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތް މަނާކުރުމަށް ސަރުކާރުން ނިންމައި، ދުންފަތުގެ ގާނޫނު އިސްލާހު ކުރަން ކިނބިދޫ ދާއިރާގެ މެމްބަރު އަލީ އަޝްރަގު އެވެ.

ކެބިނެޓުން ނިންމި ނިންމުން ފާސްކޮށް މަޖިލީހުގެ ތަޅުމަށް އެ މައްސަލަ އިއްޔެ ފޮނުވީ އެކަމަށްޓަކައި އެކުލަވައިލި ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމިޓީންނެވެ.

ވަގުތީ ކޮމިޓީން މި ބިލަށް މާބޮޑު ބަދަލެއް ގެނެސްފައިނުވާއިރު، ކޮމިޓީ ރިޕޯޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސްކުރެއްވި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުން ވަނީ މި ގާނޫނު ތަންފީޒު ކުރެވޭނެކަމާ މެދު ސުވާލު އުފައްދަވައިފަ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް ހުށަހެޅި މި އިސްލާހު ފާސްކުރަން ފެންނަ ކަމަށް 63 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް އެއް މެންބަރު ވޯޓު ދެއްވި އެވެ. މީގެ އިތުރުން ވަކިކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރުން އިންނެވި އެވެ.

މި އިސްލާހުގައިވާ ގޮތުން 1 ޖެނުއަރީ 2007 ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކަށް އަދި އުމުރުން 21 އަހަރުވެފައިނުވާ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް އެއްވެސް ފަރާތަކުން ވިއްކައިގެން ނުވާނެ އެވެ.

މީގެ އިތުރުން ހާއްސަ ލައިސެންސެއް ނެތި ދުންފަތުގެ ބާވަތްތައް ނުވިއްކޭނެ ކަމަށް އިސްލާހުގައިވެ އެވެ.

1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި މި ތާރީހުގެ ފަހުން އުފަންވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ”ޖެނެރޭޝަނަލް ބޭން“ އެއް ތަންފީޒުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމީ މިދިޔަ އެޕްރީލް މަހު އެވެ.

މި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިނަމަ، ހަ މަސްދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އަންނަ ނޮވެމްބަރު 1 އިން ފެށިގެން ޖެނެރޭޝަން ބޭންއަށް އަމަލުކުރަން ފަށާނެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!