ފަނޑިޔާރުންގެ މައްސަލައިގެ ތަހުގީގު ހިންގާފައިވާ ގޮތުގެ އިޖުރާއަތުގައި ގޯހެއް ނެތް: ޖުޑިޝަރީ ކޮމިޓީ
ދެންމެ | 13 މެއި 2025

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރުއާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ހިންގުމުގައި ގޯހެއް އުޅޭ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓްގައި ބުނެފި އެވެ.

ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކުރަން ދަށު ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ޖޭއެސްސީން ތަހުގީގު ކުރި މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި، ޖޭއެސްސީން ވަނީ އަޒްމިރަލްދާ އާއި މަހާޒު މަގާމުން ވަކިކުރަން ނިންމައިފަ އެވެ. އެކަމުގައި މަޖިލީހަށް ގޮތެއް ނިންމަން ފޮނުވާފައިވާއިރު، ޖުޑިޝަރީ ކޮމިޓީން ވަނީ މައްސަލަ ދިރާސާކޮށް ޖޭއެސްސީގެ ނިންމުމަށް ތާއިދުކޮށްފަ އެވެ.

އެ ކޮމިޓީން މަޖިލީހުގެ ތަޅުމަށް މިއަދު ފޮނުވި ރިޕޯޓްގައި ބުނެފައިވަނީ މި މައްސަލައަކީ އާންމު ފަރާތަކުން ޖޭއެސްސީއާ ހިއްސާކުރި މައުލޫމާތަކާ ގުޅިގެން، އެ މައުލޫމާތު ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުން އިސްވެ ބެލުމަށް ނިންމި މައްސަލައެއް ކަމަށެވެ. އެ ކޮމިޝަނަށް އެ ބާރު އޮތްކަން ޖޭއެސްސީގެ ގާނޫނުގެ 23 ވަނަ މާއްދާއިން އެނގޭ ކަމަށެވެ.

ޖޭއެސްސީގެ ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ’މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީ‘ އިން މައްސަލައެއް ނުބެލުމަށް ނިންމާ ހާލަތުގައި ވެސް އެ މައްސަލައެއް ބެލުމަށް ނިންމުމުގެ ބާރު ޖޭއެސްސީގެ ގާނޫނުން ކޮމިޝަނަށް ލިބިދޭ ކަމަށާއި ކޮމިޝަނުން އިސްވެ މައްސަލަ ބަލަން ނިންމައި ތަހުގީގު ހިންގާފައިވާ ގޮތުގެ އިޖުރާއަތުގައި ގޯހެއް އުޅޭކަން ކޮމިޓީއަށް ގަބޫލުނުކުރެވޭ ކަމަށް ރިޕޯޓްގައިވެ އެވެ.

 

ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓްގައި ބުނީ:

– ގާނޫނީ ވަކީލެއް އައްޔަން ކުރުމުގެ ފުރުސަތު ފަނޑިޔާރުންނަށް ފަހިކޮށްދީފައިވާ ކަމަށް

– ދިފާއީ ހެކި ހުށަހަޅަން ފަނޑިޔާރުންނަށް ފުރުސަތު ދީފައިވާ ކަމަށް

– މައްސަލަ ރައްދުވާ ފަނޑިޔާރާއި މައްސަލައާ ގުޅުންހުރު ފަރާތްތަކުގެ ބަޔާން ނަގާފައިވާ ކަމަށް

– ތަހުގީގު ކޮމިޓީއަށް ހުށަހަޅަން ބޭނުންވާ ކަންކަމާއި މައްސަލަ ނިންމުމުގައި ރިއާޔަތްކޮށްދޭން އެދޭ ކަންކަން ބަޔާންކޮށް ލިޔުމުން ހުށަހެޅުމުގެ ފުރުސަތު ދީފައިވާ ކަމަށް

– ތަހުގީގު ކޮމިޓީގެ ރިޕޯޓާ މެދު ކޮމިޝަނުން ގޮތެއް ކަނޑައެޅުމުގެ ކުރިން ޖަވާބުދާރީވާން ފަނޑިޔާރަށް ފުރުސަތު ދީފައިވާ ކަމަށް

 

ސުލޫކީ މައްސަލައިގެ ތަހުގީގުގައި އިޖުރާއީ ގޯހެއް ނެތް ކަމަށް ޖުޑިޝަރީ ކޮމިޓީން ނިންމާފައިވީ ނަމަވެސް، އެ ރިޕޯޓަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ދެއްވި ލަފާގައި ވިދާޅުވެފައިވަނީ ޖޭއެސްސީން އަމަލުކޮށްފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށެވެ.

ކައުންސެލް ޖެނެރަލް ފިލްޒާ ދެއްވި ލަފާގައި ފިލްޒާ ވިދާޅުވީ، ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖޭއެސްސީން ބެލީ އާންމު ފަރާތަކުން ސިޓީއަކުން ހުށަހެޅި ސުލޫކީ މައްސަލައެއް ކަން އެނގޭ ކަމަށާއި ގާނޫނުގައިވާ ގޮތުން އެފަދަ މައްސަލައެއް ކޮމިޝަނުން ބަލާނެތޯ ކަނޑައަޅަން ފޮނުވާން ޖެހެނީ ތިން މެންބަރުންގެ މައްޗަށް އެކުލެވޭ މައްސަލަ ބަލާ ކޮމިޓީއަށް ކަމަށެވެ.

ނަމަވެސް، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނާ ގުޅޭ މައްސަލަ އެ ކޮމިޓީއަށް ފޮނުވާފައެއް ނުވެ އެވެ. އޭގެ ބަދަލުގައި މައްސަލަ ކޮމިޝަނަށް ހުށަހެޅީ އެ ކޮމިޝަންގެ ރައީސް އަދި މާފުށި ދާއިރާގެ މެމްބަރު ހުސައިން ރިޒާގެ ފަރާތުންނެވެ. އެ މައްސަލަ ބެލުމަށް ކޮމިޝަނުން ނިންމި ނަމަވެސް، ފިލްޒާ ވިދާޅުވި ގޮތުގައި އެއީ ގާނޫނުގައި އިޖުރާއަތް އޮތް ގޮތެއް ނޫނެވެ.

ޖޭއެސްސީ އަށް އަމިއްލަ މީހަކު ސިޓީއަކުން ހުށަހެޅި މައްސަލައެއް ނަމަވެސް، އެ ކޮމިޝަނުން ބުނެފައިވަނީ އެ މައްސަލަ ބަލަން ނިންމީ އަމިއްލަ އިސްނެގުމުގެ މަތިން ކަމަށެވެ. އެހެން އެ ކޮމިޝަނުން ބުނާ ސަބަބަކީ ކޮމިޝަންގެ ރައީސަށް ލިބުނު ސިޓީއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު، އެ މައްސަލަ ބެލުމާ މެދު ކޮމިޝަނުން ގޮތެއް ނިންމާފައިވާތީ އެވެ.

ޖޭއެސްސީން ބުނާ ގޮތަށް އެއީ އަމިއްލަ އިސްނެގުމަށް ބަލަން ފެށި މައްސަލައެއް ކަމަށް ބަހުސުގެ ބޭނުމަށް ބުނި ނަމަވެސް، ފިލްޒާ ވިދާޅުވި ގޮތުގައި ސިޓީއާ ގުޅިގެން އަމަލުކުރަން ޖެހޭނެ ގޮތަކީ އެ ސިޓީގައިވާ މައްސަލަ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ ސަމާލު ކަމަށް ގެނެސް، އެކަމެއް ތަހުގީގު ކުރުމާ މެދު ގޮތެއް ނިންމުމަށް މައްސަލަ ބަލާ ކޮމިޓީ އަށް ސެކްރެޓަރީ ޖެނެރަލް ފޮނުވުމެވެ. ޖޭއެސްސީގެ ގާނޫނުގެ 22 ވަނަ މާއްދާ އާއި 51 ވަނަ މާއްދާގައި އޮތީ އެ އިޖުރާއަތް ކަން ފިލްޒާ ފާހަގަކުރެއްވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!