ފަނޑިޔާރުން ވަކި ކުރަން ޖޭއެސްސީން ނިންމީ ގާނޫނީ ގޮތުން ރަނގަޅަށް: ރިޒާ
ދެންމެ | 14 މެއި 2025

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްސަލަ ޖުޑީޝަރީ ސާވިސް ކޮމިޝަނުން ބެލީ ގާނޫނާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް، ފާތިމަތު ފިލްޒާ ވިދާޅުވަނީ ގާނޫނު ރަނގަޅަށް މާނަކޮށްގެން ނޫން ކަމަށް މާފުށީ ދާއިރާގެ ޕީއެންސީ މެންބަރުކަން ވެސް ކުރައްވާ ޖޭއެސްސީގެ ރައީސް، ހުސެއިން ރިޒާ އާދަމް ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރުން ވަކިކުރުމާ ގުޅޭ މައްސަލައަށް ބަހުސް ކުރައްވަމުން ރިޒާ ވިދާޅުވީ ފަނޑިޔާރުންގެ މައްސަލަ ބަލަން ޖޭއެސްސީން ނިންމީ ގާނޫނީ އިޖުރާއަތާ އެއްގޮތަށް ކަމަށެވެ.

”އަޅުގަނޑުމެން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމި ނިންމުމާއި އަޅުގަނޑުމެން ޖުޑީޝަރީ ކޮމިޓީން ނިންމި ނިންމުމަކީ ހަމަ ސައްހަ ނިންމުމެއް، އިޖުރާއީ އެއްވެސް ހިލާފެއް އެ ޚަސްމަށް އޭގެ ހައްގަކަށް އުނިކަމެއް އަންނަ ގޮތަށް އެއްވެސް ކަމެއް އެއްވެސް، އަސަރެއް ކުރާފަދަ އެއްވެސް އެއްޗެއް ނެތްކަން އަޅުގަނޑު ފާހަގަކުރަން،“ ރިޒާ ވިދާޅުވި އެވެ.

އޭނާގެ ވާހަކަ ތަފުސީލު ކޮށްދެއްވަމުން ރިޒާ ވިދާޅުވީ ޖޭއެސްސީން އެއްވެސް މައްސަލައެއް ބެލޭނީ އެ ކޮމިޝަނުގައި އޮންނަ ”މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ“ އިން ކަމަށް ޖޭއެސްސީގެ ގާނޫނުގެ 22-1. (ނ) ގައި ބަޔާން ކޮށްފައި އޮންނަ ކަމަށެވެ.

ނަމަވެސް ކޮމިޝަނަށް ހުށަހެޅޭ މައްސަލައަކީ މަގުބޫލު ސަބަބެއް ނެތި ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ގަބޫލު ކުރެވޭނަމަ އެ މައްސަލައެއް ނުބެލުމުގެ އިހުތިޔާރު ޖޭއެސްސީއަށް ލިބޭ ކަމަށް ހަމަ އެ ގާނޫނުގެ 22 ވަނަ މާއްދާގެ (ނ) ގައި ބަޔާން ކޮށްފައި އޮންނާތީ މައްސަލަ ބެލުމުގެ އިހުތިޔާރު ވެސް އެ ކޮމިޝަނަށް ލިބިދޭކަން ސާފުވާ ކަމަށް ރިޒާ ވިދާޅުވި އެވެ.

އަދި ޖޭއެސްސީގެ ”މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ“ އިން ނިންމާ ނިންމުންތައް މުރާޖާކޮށް ބަދަލު ކުރުމުގެ ބާރު ވެސް ޖޭއެސްސީ ގާނޫނުގެ 1-22. ވަނަ މާއްދާގެ (ބ) އިން އެ ކޮމިޝަނަށް ދީފައިވާކަން ރިޒާ ފާހަގަ ކުރެއްވި އެވެ.

އޭގެއިތުރުން ޖޭއެސްސީ ގާނޫނުގެ 23. ވަނަ މާއްދާގެ (ހ) ގައި އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން ނުވަތަ ކޮމިޝަނުން ނިންމައިފިނަމަ އެ މައްސަލައެއް ތަހުގީގު ކުރާނެ ވަގުތީ ކޮމިޓީއެއް ކޮމިޝަނުން އެކަށައަޅަންވާނެ ކަމަށް އޮތުމުން ޖޭއެސްސީން މައްސަލައެއް ބެލޭނީ ހަމައެކަނި ”މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ“ އިން އެކަނި ނޫންކަން ސާފުވާ ކަމަށް ރިޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަކީ ޒިންމާދާރުކަން ކުޑަކޮށް ފާޅު ކުރައްވާފައިވާ ކަންބޮޑުވުންތަކެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވާ ކަމަށް ރިޒާ ވިދާޅުވި އެވެ.

”ކައުންސެލް ޖެނެރަލްގެ ލަފާފުޅު ވާންޖެހޭނީ މުސޫމީ ބަދަލުތަކާއެކު އަންނަ ބަދަލުތަކަކަށް ނޫން، އެ އޮންނަން ޖެހޭނީ އަސާސްތަކުގެ މައްޗަށް ބިނާކޮށްފައި، އެ އޮންނަން ޖެހޭނީ ގާނޫނުތަކުގެ މައްޗަށް ބިނާކޮށްފައި، އާދަކާދަތަކުގެ މައްޗަށް ބިނާކޮށްފައި، އިސްތިއުނާފީ ކޯޓުތަކުގެ ނިންމުތަކުގެ މައްޗަށް ބިނާކޮށްފައި، މިއަށްވުރެ ހަރުދަނާ އުސޫލުތަކެއް ގެންނަން ވާނީ،“ ރިޒާ ވިދާޅުވި އެވެ.

”މި ނުރަނގަޅު އުސޫލުތައް ނެރުމުގެ ނަތީޖާއަކީ ގައުމުގައި ފިތުނަ އުފެދިގެން ދިޔުން، ހަގީގަތާ ހިލާފު ވާހަކަތައް މުޅި މުޖުތަމައުގައި ފެތުރިގެން ދިޔުން، އެހެންވީމާ އަޅުގަނޑު އުއްމީދު ކުރަނީ ކުރިއަށް އޮތްތަނުގައި ޖެނެރެލް ކައުންސެލް މިއަށްވުރެ ޒިންމާދާރުވެވަޑައިގެން މިފަދަ ކަންކަން ނިންމެވުމުގައި ރަނގަޅު ރިއާޔަތް ދެއްވާނެ ކަމަށް.“

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!