އަބްދުﷲ ގާޒީ ހައްޔަރުކުރީ ޒުވާނަކު މަރާލުމުގެ ރޭވުމުގައި ބައިވެރިވިކަމަށް ބެލެވުމުން: ނަޝީދު
ދެންމެ | 14 މެއި 2025

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރީ ޒުވާނަކު މަރާލުމުގެ ރޭވުމުގައި ބައިވެރިވިކަމަށް ބެލެވުމުންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ ނުރަސްމީ ”އެކްސް“ އެކައުންޓުން ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްރިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު މިއަދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ފަނޑިޔާރުން ވަކިކުރާ ކުރުމަށް ނިމުމެއް ގެންނަން ނިޒާމު ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެ ޕޯސްޓަށް ރައްދުދެއްވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނުކަން ކުރެއްވި އިބްރާހިމް މުއާޒު އަލީ ވަނީ ރާއްޖޭގެ ރައީސްކަމުގައި ހުންނަވައި ގާޒީއަކު ވަގަށް ނަގައި ރަހީނުކުރި ފަރާތަކުން އެ ވާހަކަ ދެއްކެވުމުން، ދިރިތިބީން ހޭންވީތޯ، ރޯންވީތޯ ނުވަތަ އަތްޖަހަންވީތޯ ސުވާލުކުރައްވައިފައެވެ. އޭނާ އެހެން ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރެއްވުމާ ގުޅުވައެވެ.

މުއާޒުގެ ސުވާލަށް ނަޝީދު ޖަވާބު ދެއްވީ، އެމަނިކުފާނުގެ ނުރަސްމީ އެކައުންޓް ”އަނެއް ދިވެހިރާއްޖެ“އިންނެވެ. ނަމުގައި ”އެމްއެން އަންއޮފިޝަލް“ ޖަހާފައިވާ އެ އެކައުންޓުން ދެއްވި ޖަވާބުގައި ނަޝީދު ވިދާޅުވީ، އެ ފަނޑިޔާރު ހައްޔަރުކުރަން ޖެހުނީ، އެ ފަނޑިޔާރު ބަންދުގައި ހުރި ކުށްވެރިޔަކު ދޫކުރުމުން އެ ކުށްވެރިޔާ އޭގެ އެއް ދުވަސް ފަހުން ކުޑަކުއްޖަކު މަރާލާފައިވާތީ އެކަމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވުމުން ކަމަށެވެ.

އޭގެ އިތުރުން، އޭރު އެމްއެންޑީއެފްއިން ދެކުނީ، އެއީ ޝަރުއީ ދާއިރާ ގުޅިގެން ހިންގި ”ކޮންޓްރެކްޓް ކިލިން“ ނުވަތަ ފައިސާ ދީގެން މީހަކު މަރާލުމުގެ ރޭވުމެއްގެ ގޮތުގައި ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ކޮންމެ ގޮތެއް ހަދާފައި ވެސް އެ ފަނޑިޔާރު ވަކިކުރަން އެމްއެންޑީއެފުން ބޭނުންވި ކަމަށް ވިދާޅުވިއެވެ.

ނަޝީދުގެ ޕޯސްޓުގައި ވިދާޅުވި ދުވަސްވަރު، ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލީ މަރުގެ ގިނަ މައްސަލަތަކެއްގައި ހިމެނޭ މުޖުރިމު ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމެވެ. އޭނާ ދޫކޮށްލި ފަހުން މަޖީދީ މަގާއި އަލިކިލެގެފާނު މަގު ގުޅޭ ހިސާބުގައި މާޗު 16، 2011 ވަނަ ދުވަހު ޝަހުމް ވަނީ ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރުގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ އޭނާ މަރާލައިފައެވެ. އެ މައްސަލައިގައި ޝަހުމްގެ މައްޗަށް މިހާރު ވަނީ މަރުގެ ހުކުމް އިއްވައިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!