މަލާމާތް ކުރުމަކީ ގޯސް ކަމެއް!
ދެންމެ | 16 މެއި 2025

އިންސާނުންގެ ދިރިއުޅުމުގައި އެކަކު އަނެކަކާ މުޢާމަލާތްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް އެ މުޢާމަލާތްތަކުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމެއް އެބައޮތެވެ. އެއީ މަލާމާތް ކުރުމެވެ. މަލާމާތަކީ އެއްވެސް ޙާލެއްގައި ކުރެވިގެންވާނެ ކަމެއް ނޫނެވެ.

މަލާމާތް ކުރުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ނަހީކުރެވިފައިވާ ކަމެކެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ:

﴿11﴾ يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰ أَن يَكُونُوا خَيْرًا مِّنْهُمْ وَلَا نِسَاءٌ مِّن نِّسَاءٍ عَسَىٰ أَن يَكُنَّ خَيْرًا مِّنْهُنَّ ۖ وَلَا تَلْمِزُوا أَنفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ ۖ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ ۚ وَمَن لَّمْ يَتُبْ فَأُولَٰئِكَ هُمُ الظَّالِمُونَ

މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް عيب ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް عيب ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ لقب ތަކުން ނުގޮވާށެވެ! إيمان ވުމަށްފަހު فاسق ވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) توبة ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ. (އަލް ޙުޖުރާތް 11 ވަނަ އާޔަތް).

މަލާމާތް ކުރުމުގެ ނުބައިކަން ވަރަށްވެސް ބޮޑެވެ. އެންމެ ފުރަތަމަ ކަމަކީ އެއީ ﷲ ގެ ކޯފާ ލިބިދާނެ ކަމެކެވެ. ދެވަނަ ކަމަކަށް މަލާމާތް ކުރުމަކީ އެހެން މީހުންގެ އިހުސާސްތަކަށް އަނިޔާވެރިވުމެވެ. އަދި މިކަމުގެ ސަބަބުން މުޖުތަމަޢުގައި ފިތުނަ އުފެދި، ގުޅުންތައް ކެނޑި، ނަފްރަތު އުފެދުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މިކަންކަން މިހެއް ހުއްޓެއް ކަމަކު، އަޅުގަނޑުމެން ކޮންމެ މީހަކުވެސް މަލާމާތް ނުކުރާނެފަދަ ގޮތަކަށް އުޅުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. މިކަމަށްޓަކައި އަޅުގަނޑުމެން އަބަދުވެސް އެހެން މީހުންނާމެދު ހެޔޮކޮށް ކަންކަން ކުރަން އާދަކުރަންވާނެއެވެ. އަދި އަދި އެހެން މީހުންގެ އުނިކަންތައް ފެނުނު ކަމުގައިވިޔަސް، އެކަން އިޞްލާޙު ކުރުމަށް ރީތި ބަހުން ނަސޭހަތްތެރިވާންވާނެއެވެ. އަދި ތިމާގެ ކިބައިގައި ހުންނަ އުނި ކަންތައްތަކާއި އެހެންމީހުންގެ މަލާމާތް އަމާޒުވާފަދަ އުޅުންތަކާއި ގުޅުންތަކުން ތިމާގެ ނަފުސު ދުރުކޮށް ރައްކާތެރި ކުރުމަކީވެސް ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ.

ނިންމާލަމުން ދަންނަވާނީ، މަލާމާތަކީ އެއްވެސް ޙާލެއްގައި ކުރެވިގެންވާނެ އެއްޗެއް ނޫނެވެ. އަޅުގަނޑުމެން ކޮންމެ މީހަކުވެސް މަލާމާތް ކުރުމުން ދުރުހެލިވެ، އެކަކު އަނެކަކަށް އިޙްތިރާމްކޮށް، ލޯބިވެތި މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތް ކުރަންވާނެއެވެ. އަދި މަލާމާތް އަމާޒުވާފަދަ ކަންކަމުން ދުރުހެލިވުމަކީވެސް ބުއްދިވެރި އިންސާނުންގެ މަގެއްވެސް މެއެވެ. މިގޮތަށް ޢަމަލުކުރުމުން އަޅުގަނޑުމެންނަށް ދުނިޔެއާއި އާޚިރަތުގައި ކާމިޔާބު ލިބޭނެކަން ކަށަވަރެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!