އިސްރާއީލުގެ ހަމަލާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލައްވައިފި
ދެންމެ | 19 މެއި 2025

ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްޢަޤްވާމީ މުޖްތަމަޢަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ރައީސް މިފަދައިން ގޮވާލައްވާފައި މިވަނީ މިދިޔަ ދެތިން ދުވަހުގެ ތެރޭގައި އިޒްރޭލުން 200 އެއްހާ މީހުން ޝަހީދުކޮށްލައި، ހަމަލާތައް ވަރުގަދަކޮށްފައި ވަނިކޮށެވެ.

ރައީސް މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، ހައްދުފަހަނައެޅި ޔަޙޙޫދީން ޣައްޒާގެ ކުށެއްނެތް އެތައް ބަޔަކަށް އަމަމާޒުކޮށްގެން ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައިވެއެވެ. އަދި މި ހަމަލާތައް ވަގުތުން ހުއްޓުވުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތަށް ޣައްޒާ ރައްޔިތުންގެ ފުރާނަ ހިމާޔަތް ކުރުމަށް ގޮވާލައްވާފައިވެއެވެ.

އދ. ގެ 79 ވަނަ އާންމު މަޖިލީހުގެ ޖަލްސާގައި ރައީސް މުޢިއްޒު ކުރެއްވި ތަޤުރީރުގައިވެސް، ޔަހޫދީން ޢައްޒާގައި ހިންގަމުންދާ ޤަތުލްޢާއްމު މިހާރުން މިހާރަށް ހުއްޓުވައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމްކޮށް ދިނުމަށް މުޅި ދުނިޔެއަށް ގޮވާލައްވާފައިވެއެވެ. އަދި ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް ރާއްޖޭގެ ފުރިހަމަ ތާޢީދު އަބަދުވެސް އޮންނާނެކަން ސަރުކާރުން ހާމަކުރައްވާފައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ޔަހޫދީން ވަނީ ޣައްޒާއަށް ދެމުންދާ ާ ޙަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް، ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި 53,272 މީހުން ޝަހީދުވެފައިވާއިރު، ޣައްޒާގެ މީޑިޔާ އޮފީހުން ބުނާ ގޮތުން މި އަދަދަކީ 61,700 އެވެ.

ރާއްޖެއިން ދަނީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، އެ ގައުމަށް ފިޔަވަޅު އެޅުމަށް ބައިނަލްއަގްވާމީ އެކި ޕްލެޓްފޯމްތަކުގައި ވަކާލާތު ކުރަމުންނެވެ. މީގެ އިތުރުން، ރާއްޖެއިން ވަނީ އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ވެސް މަނާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!