ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް މި އަހަރު 141 ފޯމު ހުށަހަޅައިފިއެވެ.
މި އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވީ މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހައެވެ.
އިނާމަށް ހުށަހެޅި މީހުންގެ ލިޔެކިޔުންތައް ބަލައި އޭގެ ތެރެއިން އިންޓަވިއުއަށް ޝަރުތުހަމަވާ މީހުން ކަނޑައަޅާފައިވާ ކަމަށް ގައުމީ އިނާމާ ބެހޭ ކޮމިޓީން ވަނީ ހާމަކޮށްފައެވެ. އަދި ޝަރުތު ހަމަވާ މީހުންނާ މިއަދު އިންޓަވިއު ކުރަން ފަށާފައިވާ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.
މި އިނާމަކީ ދިވެހި ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމާއެކު، ގާބިލްކަމާއި، އިހްލާސްތެރިކަމާ އެކުގައި ކޮށްފައިވާ ހިދުމަތްތަކަށާއި، އެ މުއައްސަސާއަކަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ދައުލަތުން ރައީސް ދެއްވާ ޝަރަފުވެރި އިނާމެކެވެ.
އެގޮތުން ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސް ދެއްވަނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ.
މިއަހަރުގެ ހިދުމަތުގެ އިނާމު ޖަލްސާ ބޭއްވުމަށް ހަޖަމެހިފައިވަނީ މިނިވަން ދުވަހާ ގުޅުވައިގެންނެވެ.