އޭދަފުށީގައި ހުންނަ، މަސްޖިދު މުހައްމަދު އަލީ މިސްކިތް އިމާރާތް ކުރި ދުވަސްވަރު އެތަނުން ވައްކަން ކުރި ދެ މީހަކު ޖަލަށްލާން އެ ރަށު ކޯޓުން ހުކުމްކޮށްފިއެވެ.
އޭދަފުށީގައި ހުންނަ މަސްޖިދު މުހައްމަދު އަލީ އިމާރާތް ކުރި ދުވަސްވަރު އެތަނުން ވައްކަން ކުރި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ އެ ޑޭޒީމާގެ އިބްރާހީމް ރަޝީދު އަދި، އެ ރަށު، އުފާ، ނާޝިކް އަހްމަދު ރަޝީދުގެ މައްޗަށެވެ. މި ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ވައްކަން ކުރުމުގެ ކުށުގެ ދައުވާ އާއި، އެނގިހުރެ ހުއްދަ ނޫންތަނަކަށް ވަނުމުގެ ކުށުގެ ދައުވާއެވެ. ދެ މީހުންކުރެ ކޮންމެ މީހެއްގެ މައްޗަށްވެސް ދެ ދައުވާ އުފުލިއެވެ.
ދެ މީހުންގެ މައްޗަށް އެނގިހުރެ ހުއްދަ ނޫންތަނަކަށް ވަނުމުގެ ކުށުގެ ދައުވާކޮށްފައިވަނީ މިސްކިތް އިމާރާތް ކުރަމުން ދިޔަ ދުވަސްވަރު ހުއްދަނެތި އެތަނަށް ވަދެފައިވާތީއެވެ.
ދެ މީހުންގެ މައްޗަށް ވައްކަމުގެ ދައުވާކޮށްފައިވަނީ، މިސްކިތް އިމާރާތުގެ ސައިޓުން 211 ފޫޓުގެ 4 ކޯ، 16 އެމްއެމް ތްރީ ފޭސް ކަރަންޓް ކޭބަލެއް ވަގަށް ނަގައިގެންނެވެ.
އޭދަފުށީ ކޯޓުގައި ކުރިއަށް ގެންދިޔަ މި މައްސަލައިގެ ޝަރީއަތުގައި ދެ މީހުންވެސްވަނީ އެ މީހުންގެ ކުށަށް އިއުތިރާފުވެފައެވެ.