ސިއްހީ ދާއިރާ ތަރައްގީކުރަން ތައިލެންޑުގެ އެހީތެރިކަން ހޯދަން އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރު ހަދީޖާ އަބްދުއްސަމަދު އަބްދުالله އެވެ. ތައިލެންޑްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އޮފް ޕަބްލިކް ހެލްތު މިސްޓަރ ޑޭޝް-އިސް ކައުތޯންގ އެވެ.
އެ އެމްއޯޔޫގެ ދަށުން ރާއްޖޭގެ ޕްރައިމަރީ ހެލްތު ކެއާ ކުރިއެރުވުމާއި ހެލްތު ރެގިއުލޭޓަރީ ފްރޭމްވޯކްސް ހަރުދަނާކުރުމާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ރެގިއުލޭޓަރީ ހިދުމަތް ހަރުދަނާ ކުރުމަށާއި، ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް ހަރުދަނާކުރުމަށާއި ހެލްތު ޕޮލިސީ، ހެލްތު ސިސްޓަމް ރިސާޗް އަދި ހެލްތު އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ ހަރުދަނާކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
އެ އެމްއޯޔޫގައި ވަނީ ޖޮއިންޓް ވޯކިން ގްރޫޕެއް އުފެއްދުމާއި، އެކަން ފައިދާހުރި ގޮތެއްގައި ތަންފީޒު ކުރުމަށްޓަކައި ތަފްސީލީ އެކްޝަން ޕްލޭނެއް އެކުލަވާލުމަށް ވެސް ނިންމާފައެވެ.