ދުންފަތް ވިއްކުން ހަރުކަށިކޮށް ރާއްޖޭގައި ”ޖެނެރޭޝަނަލް ބޭން“ ފުރަތަމަ ފަހަރަށް ތަންފީޒު ކުރުމަށް ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ތަސްދީގުކުރައްވައިފި އެވެ.
އެ ތާރީހީ ބިލް ރައީސް ތަސްދީގު ކުރެއްވީ ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ރައީސް މުއިއްޒު މި އިސްލާހު ތަސްދީގުކުރެއްވުމާ އެކު، ހަ މަސްދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ”ޖެނެރޭޝަނަލް ބޭން“އަށް އަމަލުކުރަން ފަށާނެ އެވެ.
ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތް މަނާކުރުމަށް ސަރުކާރުން ނިންމައި، ދުންފަތުގެ ގާނޫނު އިސްލާހު ކުރަން ކިނބިދޫ ދާއިރާގެ މެމްބަރު އަލީ އަޝްރަގު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެ އިސްލާހު ފާސްކުރީ މި މަހުގެ 13 ވަނަ ދުވަހު އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި މި އިސްލާހުގެ ދަށުން، ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ އޮތަސް އެފަދަ އެއްޗެއް ވިއްކާއިރު އެ ގަންނަނީ ޖެނުއަރީ 1، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުއްޖަކު އަދި އުމުރުން 21 އަހަރުން ދަށުގެ މީހަކު ނޫންކަން ކަށަވަރުކުރުމަކީ އެ ވިއްކާ މީހެއްގެ ޒިންމާއެކެވެ.
ދުންފަތުގެ ބާވަތެއް ގަންނަނީ އެ އުމުރަށް ފެތޭ މީހެއް ނޫން ކަމަށް ބެލެވޭ ނަމަ، އެމީހެއްގެ އައިޑީކާޑު ނުވަތު އެމީހެއްގެ އުމުރު އަންގައިދޭ ސައްހަ ރަސްމީ ލިޔުމެއް ދެއްކުމުން ނޫނީ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.
ދުންފަތުގެ ބާވަތްތައް ވިއްކުން މަނާ އުމުރަކަށް ކުރިން އޮތީ 18 އަހަރުން ދަށެވެ. އެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ގެނައި އިސްލާހުގައި ވަނީ އެ އުމުރު 21 އަށް މަތިކޮށްފަ އެވެ. އެއާ އެކު، ރާއްޖެއަށް ވޭޕް އެތެރެކުރުން ވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.