ރައީސްގެ އިރުސާދާއިއެކު ވާނުވާ ބަންދުގައި ތިބި މީހުންނަށް ލުއިދޭން ފަށައިފި
ދެންމެ | 21 މެއި 2025
އެކި މައްސަލަތަކުގައި ވަކި މުއްދަތެއް ނެތި ޝަރީއަތް ނިމެންދެން ބަންދުކޮށް ”ވާނުވާ“ ޖަހާފައި ތިބި މީހުންނަށް މިއަދުން ފެށިގެން ލުއި ދޭން ނިންމައިފި އެވެ.

އެކަން ހާމަކޮށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނީ ވާނުވާގައިި ތިބި މީހުންނަަށް ލުއި ދޭނީ ޓެގު އަޅުވައި ކޯޓުން ކަނޑައަޅާ ޝަރުތުތަކާއެކު ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ ބަންދަން ލުއި ދޭނީ ފުލުހުންނާއި ކަރެކްޝަންސުން އެސެސްމަންޓެއް ހެދުމަށް ފަހު ކަމަށާއި އެ އެސެސްމަންޓްގައި ބަންދުގައި ހުންނަ މީހާ ދޫކޮށްލައިފިނަމަ، އޭގެ ސަބަބުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ އޮތްތޯ ބަލާނެ ކަމަށެވެ.

އަދި އެ އެސެސްމަންޓް ޕިޖީ އޮފީހަށް ލިބުމުން، އޭގައިވާ ކަންކަމަށް ރިއާޔަތްކޮށް ބަންދަށް ލުއި ދެވިދާނެކަމަށް ފެންނަނަމަ، ބަންދު މުރާޖާ ކުރުމަށް ކޯޓަށް ހުށަހަޅާނެކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

”އެގޮތުން ލުއި ދެވޭނީ ގާނޫނު ނަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 66 ވަނަ މާއްދާގެ (ށ) ގެ 6 ވަނަ ނަންބަރުގެ ދަށުން، ކޯޓުން ގިނަވެގެން 100 (ސަތޭކަ) ދުވަހަށް ކަނޑައަޅާ ޝަރުތެއްގެ ގޮތުގައެވެ.“ ޕީޖީ އޮފީހުން ބުނެފައި ވެއެވެ.

އެ ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދީފައިވާ މީހުންގެ ޝަރުތުތައް މުރާޖަޢާ ކުރުމަށް ކޮންމެ 100 ދުވަހަކުން 1 ފަހަރު ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅައި، މުރާޖާ ކުރުން ކުރިއަށްގެންދަނެ އެވެ. އަދި ބަންދަށް ލުއި ދީފައިވާ މީހަކު، އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުތަކާ ހިލާފުވެއްޖެނަމަ، ވަގުތުން އެ މީހަކު އަލުން ބަންދުކުރުމަށް ކޯޓުގައި އެދޭނެކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ބަންދަށް ލުއިދިނުމަށް އެދި ހުށަހެޅުން ހުށަހެޅުމުގެ ފުރުސަތުވެސް މިއަދު ވަނީ ހުޅުވާލައިފަ އެވެ.

”ބަންދަށް ލުއި ދިނުމަށް އެދި މި އޮފީހުގެ ”އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމަށް އެދޭ ފޯމު“ އިން ހުށަހެޅިދާނެއެވެ. ނުވަތަ މި އޮފީހުގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ބަންދުގައިވާ މީހާގެ ވަކީލަށް އެކަމާ ގުޅޭ ހުށަހެޅުން މި އޮފީހަށް ހުށަހެޅިދާނެއެވެ. މިކަމަށް އެދޭ ފޯމު، މިހާރު މި އޮފީހުގެ ވެބްސައިޓާއި، ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހުން ބަންދުކުރާ މަރުކަޒުތަކުން މި ފޯމު ލިބުމުގެ އިންތިޒާމު މި އޮފީހުން ހަމަޖައްސާނަމެވެ.“ ޕީޖީ އޮފީހުން ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!