ބްރޯޑްކޮމްގެ އައިޓީ އޮފިސަރު ވެސް ސަސްޕެންޑުކޮށްފި
ދެންމެ | 22 މެއި 2025

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މުވައްޒަފުންގެ އެތެރޭގެ ކޯޅުން ބޮޑުވެފައި ވަނިކޮށް، އެ އިދާރާގެ އައިޓީ އޮފިސަރު އަހުމަދު ފަޒީލް މިއަދުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ސަސްޕެންޑުކޮށްފި އެވެ.

އޭނާ ރޭ ”މިހާރު“ އަށް އެކަން ކަށަވަރު ކޮށްދިން ނަމަވެސް އޭގެ ސަބަބެއް ނޭނގޭ ކަމަށް ބުންޏެވެ.

އެކަމަކު، ފަޒީލް އަށް އެޅި އިދާރީ ފިޔަވަޅެއްގެ ގޮތުން ކުއްލި ސަސްޕެންޝަނެއް އައި އިރު، ބްރޮޑްކޮމްގެ ސާވާއަށް މައްސަލައެއް ދިމާވުމުން ފުލުހުންގެ ޓެކްނީޝަނުން އެ ކޮމިޝަނަށް އިއްޔެ އެހީތެރިކަން ފޯރުކޮށްދިން ކަމަށް ފުލުހުން ބުނެފައި ވެ އެވެ.

”ބްރޮޑްކޮމްގެ ސާވާއަށް ދިމާވި މައްސަލައެއް ހައްލުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެތަނުގެ އޮފީހަށް، ބްރޮޑްކޮމްގެ ރިކުއެސްޓަކަށް ފުލުހުންގެ ޑިޖިޓަލް ޑާޓާ ޓެކްނީޝަނުން މިއަދު ވަދެފައިވޭ،“ ފުލުހުން ރޭ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވެ އެވެ.

ނަމަވެސް ފަޒީލް ރޭ ތުހުމަތުކުރި ގޮތުގައި، ފުލުހުން އެ ތަނަށް ދިޔައީ ފޮރެންސިކް ތަހުގީގަކަށެވެ. އެކަމަކު ފުލުހުން ރޭ ވަނީ އެކަން ދޮގުކޮށްފަ އެވެ.

”ވަދެފައި ވަނީ މައްސަލައަކާ ގުޅިގެނެއް ނޫން،“ ފުލުހުން މީޑިއާގައި ރޭ ބުންޏެވެ.

ބްރޯޑްކޮމްގެ ސާވާ އަށް ދިމާވި މައްސަލަ ހައްލު ކުރަން ފުލުހުން އިއްޔެ އެ އިދާރާ އަށް ވަނީ އެ ތަނުގެ ސާވާ ނިއްވާލާފައި ހުރުމުން ”މަސައްކަތްތަކަށް ހުރަސް އަޅަން“ އެެއްވެސް ކަމެއް ގަސްދުގައި ކޮށްފައިވޭތޯ ބެލުމަށް ކަމަށް އެނގިފައި ވެ އެވެ.

ބްރޯޑްކޮމްގެ އައިޓީ އޮފިސަރު ފަޒީލް ސަސްޕެންޑުކުރިއިރު، މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް އަމަލު ކުރައްވައި އަދި ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދެއްވާ ކަމަށް ބުނެ ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ ވެސް މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ވަނީ ސަސްޕެންޑުކޮށްފަ އެވެ. އަދި އެ ”ހޫނުގަނޑާ“ އެކު އެ ކޮމިޝަންގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަނީ މަސައްކަތް ހުއްޓާލާފައި އިއްޔެ ގެ އަށް ގޮސްފަ އެވެ. އަދި ބްރޯޑްކޮމްއާ ދެކޮޅަށް އަޑު ވެސް އުފުލި އެވެ.

ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް ޒީނިޔާ ސަސްޕެންޑުކުރީ އެނގިފައިވާ ގޮތުގައި، ބްރޯޑްކޮމްގެ ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދިނުމުންނާއި ނިންމުންތައް ބަލައިނުގަންނަކަން އެ ކޮމިޝަންގެ ވެރިންނަށް ފާހަގަކުރެއްވިގެންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!