ޗާގޯސްގެ ޖަޒީރާ ރަށްތައް އަނބުރާ މޮރިޝަސް އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ތައްޔާރުވެފައިވާ ކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެފި އެވެ.
އިނގިރޭސިވިލާތުގެ ސަރުކާރާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ބުނެފައިވާގޮތުން، ދެ ގައުމުގެ މެދުގައި ބާއްވާ ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާނީ މިއަދު އެވެ. އޮންލައިން ކޮށް ބާއްވާ އެ ރަސްމިއްޔާތުގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓާމާ ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި އެއްބަސްވުމުގެ ސީދާ ތަފްސީލެއް ރަސްމީކޮށް އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މޮރިޝަސްއަށް ޗާގޯސް ރަށްތައް އަނބުރާ ދިނަސް، އެ ޖަޒީރާގެ އެންމެ ބޮޑު ރަށްކަމަށްވާ ޑިއޭގޯ ގާސިއާ އިނގިރޭސީންގެ ބެލުމުގެ ދަށުގައި ބާއްވާގޮތަށް ހަމަޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ޑިއޭގޯ ގާސިއާގައި ހިންގާ އެމެރިކާގެ އަސްކަރީ މަރުކަޒު އެ އިނގިރޭސިވިލާތާއި އެމެރިކާ އެއްބަސްވާ ގޮތަކަށް، މިހާރުވެސް ކުރިއަށް އެ ގެންދާ ގޮތަށް ކުރިއަށް ގެންދާނެ ކަމަށްވެއެވެ.
އެކަން ކުރުމަށްޓަކައި، ފޯޅަވަހި މޮރިޝަސްއިން އަނބުރާ އިނގިރޭސީންނަށް 99 އަހަރަށް ކުއްޔަށް ދޭނެ ކަމަށްވެއެވެ. އަދި އެ އެއްބަސްވުން އިތުރު 40 އަހަރަށް އިތުރު ކުރެވޭނެ މާއްދާއެއް ހިމެނޭކަމަށް ވެސް ބައެއް މީޑިއާ ރިޕޯޓުތައް ބުނެފައި ވެއެވެ.
އިނގިރޭސިވިލާތުން ޗާގޯސްގެ ރަށްތައް މޮރިޝަސް އާ ވަކިކޮށް، ގާއިމުކުރި އަސްކަރީ މަރުކަޒު އެމެރިކާއަށް ކުއްޔަށް ދޭން ނިންމީ 1965 ވަނަ އަހަރެވެ.
އިނގިރޭސިވިލާތުން ޗާގޯސް ރަށްތައް މޮރިޝަސްއާ ހަވާލު ކުރުމުގެ ވާހަކަތައް ދެކެވުނު ނަމަވެސް، މޮރިޝަސްގެ ސަރުކާރު ބަދަލުވި ފަހުން، އެއްބަސްވުމާ ގުޅޭ މަޝްވަރާތައް ދިގުލައިގެންދިޔައީ، އެކަމަށް އިނގިރޭސިވިލާތުން ހުށަހަޅާފައިއޮތް މާލީ ބަދަލާ މެދު އާ ސަރުކާރުން ހިތްހަމަނުޖެހުމުންނެވެ.
ނަމަވެސް، އެ ހިތްހަމަނުޖެހުންތައް މިހާރު ހައްލުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނިނަމަވެސް، އިނގިރޭސިވިލާތުން މޮރިޝަސްއަށް ދޭ މާލީ ބަދަލުގެ އަދަދެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، އެ އަދަދު އެތައް ބިލިއަން ޕައުންޑަކަށް އަރާނެ ކަމަށް ބައެއް މީޑިއާތަކުން ވަނީ ލަފާކޮށްފަ އެވެ.
މި އެއްބަސްވުމުގައި އެމެރިކާގެ މަސްލަހަތު ވެސް ހިމެނޭއިރު، އިނގިރޭސިވިލާތުން ވަނީ މި އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރުހުން ވެސް ހޯދައިފަ އެވެ.