މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލްގެ ބަންދުން ދޫކޮށްލައިފި އެވެ.
އޭނާ މިއަދު ހެނދުނު ބަންދުން ދޫކޮށްލާފައި މިވަނީ އޭނާގެ ބަންދަށް އެންމެ ފަހުން ކްރިމިނަލް ކޯޓުން ޖަހާފައިވާ 20 ދުވަސް ހަމަނުވަނީހެވެ. ރައުދު ބަންދުން ދޫކޮށްލި ސަބަބެއް ފުލުހުން އަދި ނުބުނެ އެވެ.
ރައުދު ބަންދުކުރަން ނެރުނު އަމުރެއްގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް މިއަދު މެންދުރުފަހަށް ހައި ކޯޓުގައި ތާވަލުކޮށްފައި އޮތެވެ. ނަމަވެސް، އެ މައްސަލަ ބާތިލްކޮށް ހައި ކޯޓުން މިއަދު ނިންމާފައިވާ ނިންމުމުގައި ބުނެފައިވަނީ ރައުދު ބަންދުން ދޫކޮށްލާފައިވާތީ އިސްތިއުނާފު މައްސަލަ ބާތިލް ކުރަން ރައުދުގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ.
ގ. އެރިޔަދޫ، ރައުދު، 21 އަށް ބަންދުގެ މުއްދަތު ހަ ފަހަރަށް އިތުރުކޮށްފައިވެ އެވެ. އެންމެ ފުރަތަމަ ފަހަރު ފަސް ދުވަހަށް އަދި ދެވަނަ ފަހަރު 10 ދުވަހަށް ބަންދުކުރި އިރު އޭގެ ފަހުން ފަސް ދުވަސް ބަންދަށް ޖެހި އެވެ. އަދި އެންމެ ފަހުން ރައުދުގެ ބަންދަށް ދީފައި އޮތީ 20 ދުވަހެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ. ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ.
ރައުދުއަކީ ޔުމްނު ވެއްޓުމުގެ ކުރިން އެންމެ ފަހުން އޭނާއާ އެކު އުޅުނު ކަމަށް ބުނާ މީހާ އެވެ. ޔުމްނު އާއި ރައުދު ފެންޓެނޯއީގެއަށް ދިއުމުގެ ކުރިން މއ. މާންދޫގެ ދެކުނުގެ އަށް އެ ރޭ ދަންވަރު ގޮސް އުޅުނެވެ. އޭގެ ފަހުން ފެންޓެނޯއީގެ އަށް ދިއުމުގެ ކުރިން ހ. ކަށިވެއްޔަށް ވެސް ވަދެ އެވެ.
އެ ރޭ ޔުމްނު އާއި ރައުދުއާ އެއްކޮށް އުޅުނު ކަމަށް ފުލުހުން ބުނާ މީހުންނަކީ އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް އާއި އިޒުދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ އާއި ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގޭދެކުނުގެ، އާއި ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު، އާއި އާމިނަތު ޖުނެއިނާ ޖަމްޝީދު، މ. ތިލަފަޅު، އާއި ހުސެއިން ހަމީސް އަލީ، ނ. ވެލިދޫ، އަހި، އާއި އިޖާޖާ ޖާއިޒް، ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް އެވެ.
ނަމަވެސް، މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ރައުދު އެކަންޏެވެ. ރައުދު ފިޔަވައި ދެން ތިބި އެންމެން ވަނީ ފުލުހުންނަށް ކުޑަކަމުދާތަކެތީގެ ސާމްޕަލް ދިނުމަށް ދެކޮޅު ހަދައިފަ އެވެ. އެމީހުންނާ ގުޅޭ ގޮތުން ފުލުހުން ކުރާ ތަހުގީގުގެ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައި ނުވާއިރު، އެމީހުންގެ ތެރޭގައި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ބޮޑުބޭބެ ކިޔާ ދެ މީހަކު ވެސް ހިމެނެ އެވެ.
އެ އެންމެންގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން މިނިސްޓަރު އަމީން އާއި އޭނާގެ އެއްބަނޑުއެއްބަފާ ދެބެއިންގެ ގެ، މއ. މާންދޫގެދެކުނުގެ ޓެރެސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ފުލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފްލޯ ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ. ނަމަވެސް، އެ ތަންތަނުން އެ މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. މާންދޫގެދެކުނުގޭގެ ސީސީޓީވީ ފުޓޭޖު ވެސް ފުލުހުންނަށް ނުލިބުނެވެ.