ދިވެހި ގައުމަށް ގައްދާރުވެ، އިބޫ އާއި ސާހިދު ވިއްކާލި ފޯޅަވެހި އިގިރޭސިން މޮރިސަސްއަށް ދީފި
ދެންމެ | 22 މެއި 2025

ފޯޅަވަހީގެ ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު މިއަދު އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

ރާއްޖޭގެ ދެކުނުން އޮންނަ އެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ރަށްކަމަށްވާ ޑިއެގޯގާސިއާ އަކީ އެމެރިކާ އާއި އިނގިރޭސިންނަށް މުހިންމު ނޭވަލް އަދި ބޮންއަޅާ މަތިންދާބޯޓު އުދުއްސުމަށް ހާއްސަ އަސްކަރީ މަރުކަޒެކެވެ.

އެހެންކަމުން މޮރިޝަސްއަށް އެރަށްތައް ދޭން ނިންމިޔަސް އިނގިރޭސިވިލާތުގެ ސަލާމަތާއި ރައްކާތެރި ކަމަށް ކޮންމެހެން ބޭނުންތެރި، އެމެރިކާ އާއި އިނގިރޭސިވިލާތުން ބޭނުންކުރާ އަސްކަރީ މަރުކަޒެއްގެ މުސްތަގުބަލު ރައްކާތެރިކޮށްދޭނެ ކަމަށް އިނގިރޭސި ސަރުކާރުން ބުނެއެވެ.

އެހެންކަމުން މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެ މަރުކަޒު މޮރިޝަސް އިން އިނގިރޭސިވިލާތަށް ކުއްޔަށް ދޫކުރާގޮތަށް ވަނީ ހަމަޖައްސާފައެވެ. ދެ ގައުމުން އެއްބަސްވެފައިވަނީ މަދުވެގެން 99 އަހަރަށް، އަހަރަކު 136 މިލިއަން ޑޮލަރަށް ކުއްޔަށް ދޭށެވެ.

މޮރިޝަސްއަށް ފޯޅަވަހި ދޫކޮށްލުމަށް އެއްބަސްވުމުގައި ސޮއިކުރަން ކައިރިވެފައިވަނިކޮށް އެންމެ ފަހު ވަގުތު އިނގިރޭސިވިލާތުގެ ފަނޑިޔާރަކު ވަނީ އެކަން މަޑުޖައްސާލުމަށް އަމުރެއް ނެރެފައެވެ. އެ އަމުރުގެ ސަބަބުން އެއްބަސްވުމުގައި ސޮއިކުރުން މިއަދު އެތައް ގަޑިއިރަކަށް ފަސްކުރަން ޖެހުނެވެ. ނަމަވެސް ފަހުން ވަނީ އެ ރަށްތައް ހަވާލުކުރުން ހުއްޓުވުމަށް ކުރި އަމުރު އުވާލާފައެވެ. އެ އަމުރު އުވާލުމަށްފަހު ފަނޑިޔާރު ވިދާޅުވީ އެ އެއްބަސްވުން ގާއިމުނުކޮށް ލަސް ކުރުމަކީ ”އާންމު މަސްލަހަތާއި އިނގިރޭސިވިލާތުގެ މަސްލަހަތު ވަރަށް ބޮޑަށް ގެއްލޭނެ“ ކަމެއް ކަމަށެވެ.

ޗާގޯސް އައިލެންޑްސްގައި އުޅުނު ރައްޔިތުންނަކީ މަޖުބޫރުން އެތަނުން ބާލާފައިވާ ބައެކެވެ. އެހެންވެ އެމީހުން އެކި ދުވަސްވަރު ދަނީ ކޯޓުގައި އިނގިރޭސީންނާ ދެކޮޅަށް މައްސަލަތައް ވައްދައި ވަކާލާތު ކުރަމުންނެވެ. މިއަދު ކޯޓުގައި ހިނގި މައްސަލައަކީ ވެސް އެތަނުގެ ރައްޔިތުންގެ ދެ މީހަކު ހުށަހެޅި މައްސަލައެކެވެ. ނަމަވެސް މިހާތަނަށް އެމީހުންކުރާ ވަކާލާތުގައި އިނގިރޭސި ވިލާތުގައި ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

މޮރިޝަސްއަށް ފޯޅަވަހީގެ ސިޔާދަތީ ބާރު ދޭން އިނގިރޭސީން ނިންމިއިރު، އެތަނަކީ ދިވެހީން ވަޒަންވެރިވެ އުޅުނު ދިވެހީންނަށް ނިސްބަތްވާ ފަސްގަނޑެއްކަމަށްބުނެ ކުރީގެ ބައެއް ވެރިންވަނީ ވާހަކަވެސް ދައްކާފައެވެ. އަދި އެތަން ދިވެހީންގެ އިހުތިސާސަށް ހިމެނުމަށް މަސައްކަތް ކުރުމަށް ވެސް ގޮވާލާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!