ލަންކާގެ ސިފައިންނާއި ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދީފި.
ދެންމެ | 10 މެއި 2022

ސްރީލަންކާ ސަރުކާރުން އެގައުމުގެ އަސްކަރިއްޔާ އަށާއި ފުލުހުންނަށް އިމަޖެންސީ ބާރު ތަކެއް ދީފިއެވެ.

ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާގޮތުގައި ސްރީލަންކާއިން ވަނީ އަންގާރަ ދުވަހު މިބާރުތައް އަސްކަރިއްޔާ އަށާއި ފުލުހުންނަށް ދީފައެވެ. މިއާއެކު އަމުރަކާ ނުލައި މީހުން ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށާއި އަސްކަރިއްޔާއަށް ވަނީ ލިބިފައެވެ.

ހޯމަ ދުވަހު ސްރީލާންކާގައި ކުރިއަށްދިޔަ ހަމަނުޖެހުންތަކުގައި ހަތް މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު، 200 މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބި ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ހޯމަ ދުވަހު ސްރީލަންކާގެ މަސްރަހު ހޫނުވާން ފަށާފައިވަނިކޮށް އެގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި މަހިންދަ ރާޖަޕަކްސަ ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ. އެމަނިކުފާނުގެ އިސްތިއުފާގެ ސިޓީ ރައީސް ގޮތަބަޔާ ރާޖަޕަކްސް ވަނީ ބަލައިގަންނަވާފައެވެ.

ސްރީލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކަރިސާއާއެކު އެގައުމު ހަލަބޮލިވެ ހުކުރު ދުވަހު ރައީސް ގޮތަބަޔާ ވަނީ ކުއްލި ހާލަތު އިއުލާން ކުރައްވާފައެވެ. އަދި ކާފިއުވެސް އިއުލާނުކޮށްފައި ވަނިކޮސް އެތައް ހާސް ބަޔަކު ވަނީ މަގުތަކަށް ނުކުމެ މުޒާހަރާކޮށް ސަރުކާރުގެ އިސްވެރިންނަށް އަމާޒުކޮށް ހަމަލާތައް ދީފައެވެ. އެގޮތުން ސަރުކާރުގެ ވަޒީރުންނާ މަޖިލިސް މެމްބަރުންގެ ގެތެކާއި ވިޔަފާރިތަކާއި އޮފީސްތައް އަދި އުޅަނދުތަކުގައި ރޯކޮށް ގެއްލުންދީފައިވެއެވެ.

ސްރީލަންކާގެ ފުލުހުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި ހޯމަ ދުވަހު އެގައުމު ހަލަބޮލިވެގެން ދިޔަ ނަމަވެސް އަންގާރަ ދުވަހު ގައުމު ވަނީ ހަމައަކަށް އެޅިފައެވެ.

އަންގާރަ ދުވަހު ސަރުކާރުން އަސްކަރިއްޔާ އަށް ދިން ކުއްލި ބާރުތަކާއެކު އަމުރަކާ ނުލައި މީހުން ހައްޔަރުކޮށް ފުލުހުންނާ ހަވާލުނުކޮށް 24 ގަޑިއިރު ވަންދެން މީހުން ހައްޔަރުގައި ބެހެއްޓުމުގެ ބާރު އަސްކަރިއްޔާއަށް މިހާރު ވަނީ ލިބިފައެވެ. އަދި ފުލުހުންނާ އަސްކަރިއްޔާއަށް މިހާރު ވަނީ އަމުރަކާ ނުލައި ތަންތަން ބަލައި ފާސްކުރުމުގެ ބާރުވެސް ދީފައެވެ. އެގޮތުން މީހުންގެ ގެދޮރާ އުޅަނދު ބަލައި ފާސްކުރެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!