މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ތުރުކީގައި ކުރިއަށްދިޔަ 12 ވަނަ ޓްރާންސްޕޯޓް އެންޑު ކޮމިއުނިކޭޝަން ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ކުރެއްވި ދަތުރުފުޅުގެ ކެއުމަށް އެކަނި 87،000 އަށްވުރެ ގިނަ ރުފިޔާ ހޭދަކުރި ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
މައުލޫމާތު ހޯޯދުމާއި ލިބުމުގެ ހައްގުގެ ދަށުން ”އަދަދު“ އިން ހޯދި މައުލޫމާތުތަކަށް ބަލާއިރު، 2019 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މެއި މަހުގެ ނިޔަލަށް ނަހުލާ ކުރެއްވި 13 ދަތުރުފުޅަކަށް ދައުލަތުން ވަނީ 1،099،495ރ. ހޭދަކޮށްފަ އެވެ.
ޓްރާންސްޕޯޓް އެންޑު ކޮމިއުނިކޭޝަން ފޯރަމްގައި ބައިވެރިވުމަށް ރާއްޖެއިން ވަޑައިގެންފައިވަނީ ނަހުލާ ހިމެނޭހެން ހަތަރު ބޭފުޅުންނެވެ. އިސްތަންބޫލުގައި ކުރި އެ ދަތުރުގައި ދައުލަތުން ދީފައިވަނީ ހަމައެކަނި ކެއުމުގެ ހަރަދު ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
މިނިސްޓްރީން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އޮކްޓޯބަރު މަހުގެ ފަސް ދުވަހުން ނުވަ ވަނަ ދުވަހަށް ކުރެއްވި މި ދަތުރުފުޅަށް 87،400ރ. ދައުލަތުގެ ބަޖެޓުން ވަނީ ހޭދަކޮށްފައި އެވެ. އެއީ ދުވާލަކަށް ކޮންމެ މީހަކު ކާން 5464.4 ރުފިޔާ އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ނަހުލާ ތުރުކީއަށް ދަތުރުފުޅެއް ކުރެއްވިއިރު، ދެ ދުވަހުގެ އެ ދަތުރުގެ ހުރިހާ ކަމަކަށް ހޭދަކޮށްފައިވަނީ 82،709ރ. އެވެ. އޭގެ ތެރޭގައި ދަތުރުގެ ޓިކެޓާއި ހުރުމާއި ކެއުން ފަދަ ހުރިހާ ހަރަދެއް ހިމެނެ އެވެ.
ނަހުލާގެ ދަތުރުފުޅުތަކަށް ދިޔަ ޖުމްލަ ހަރަދު
– 2019 ވަނަ އަހަރު 428،907ރ.
– 2021 ވަނަ އަހަރު 444،848ރ.
– 2022 ވަނަ އަހަރު (މެއި މަހުގެ ނިޔަލަށް) 225،740ރ.
މި އަހަރުގެ މެއި މަހުގެ ނިޔަލަށް ނަހުލާ ވަނީ ސްރީލަންކާއާއި ސްވިޒަލޭންޑާއި ސިންގަޕޫރުގެ އިތުރުން ސައުދީ އަރަބިއްޔާއަށް ވަަޑައިގެންފަ އެވެ.
މި ދަތުރުފުޅުތަކުގެ ތެރެއިިން އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް ކޮމިޝަން ފޯ ޔޫރަޕްގެ 75 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޓްރާންސްޕޯޓް މިނިސްޓީރިއަލް މީޓިންގައި ބައިވެރިވެވަޑައިގަތުމަށް ސްވިޒަލޭންޑަށް ކުރި ދަތުރުފުޅަށެވެ. 10 ދުވަހުގެ އެ ދަތުރުފުޅަށް ދައުލަތުން ވަނީ 171،039ރ. ވަނީ ހޭދަކޮށްފަ އެވެ