ސައޫދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރައިލި މައްސަލައާ ބެހޭ ގޮތުން، އެމެރިކާގެ ރައީސް ޖޯ ބައިޑެން ދެއްކެވި ވާހަކަތަކަށް، ސައޫދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ބިން އަބްދުލް އަޒީޒް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.
ސައޫދީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން ދިޔަ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރައިލީ، 2018 ވަނަ އަހަރުގެ އޮކްޓޫބަރު 2 ވަނަ ދުވަހު، ތުރުކީ ވިލާތުގެ އިސްތަންބޯލްގައި ހުންނަ ސައޫދީ އެމްބަސީ އަށް އޭނާ ދިއުމުން، އެ ތަނުގެ ތެރޭގަ އެވެ.
މެދުއިރުމައްޗަށް ކުރެއްވި ދަތުރުފުޅުގައި މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ސައޫދީގައި ހުންނަވައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ސައޫދީގެ އިސް ވެރިންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވައިފަ އެވެ. އެ މަޝްވަރާތަކުގައި ރައީސް ބައިޑެން ދެއްކެވި ވާހަކަތަކަށް، ވަލީ އަހުދު މުހައްމަދު ވަގުތުން ރައްދު ދެއްވީ އެމެރިކާ އިން އިންސާނީ ހައްގުތަކާ ޚިލާފަށް ކޮށްފައިވާ ބައެއް ކަންތައް، ރައީސް ބައިޑެން އަށް ހަނދުމަފުޅުކޮށް އަރުވަމުންނެވެ.
ދެ ގައުމުގެ މަޝްވަރާތަކުގައި ބައިވެރިވި ސައޫދީ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރްހާން ވިދާޅުވި ގޮތުގައި ޚާޝުގްޖީގެ މަރުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށް ބައިޑެން ވިދާޅުވުމުން، ވަލީ އަހުދު އެކަމަށް އިންކާރު ކުރެއްވި އެވެ. އެހެން ނަމަވެސް، އެމެރިކާގެ ޖާސޫސީ އިދާރާތަކުގެ މައުލޫމާތަށް ބަލާއިރު، ޚާޝުގްޖީގެ މަރުގެ މައްސަލައާ ބެހޭ ގޮތުން މުހައްމަދު ބިން ސަލްމާން ދައްކަވާ ވާހަކަތަކާ އެއްބަސް ނުވެވޭ ކަމަށް، ރައީސް ބައިޑެން ވިދާޅުވި އެވެ.
ޚާޝުގްޖީގެ މަރުގެ މައްސަލަ، ރައީސް ބައިޑެން ފާހަގަކުރެއްވުމުން، މުހައްމަދު ސަލްމާން، ރައީސް ބައިޑެން އަށް ހަނދުމަފުޅުކޮށް އެރުވީ، އިރާގުގެ އަބޫ ޣުރައިބު ޖަލުގަ އާއި ގުއަންޓަނާމޯ ބޭ ޖަލުގައި އެމެރިކާ ސިފައިން ހިންގި ބައެއް އަމަލުތަކެވެ. އަބޫ ޣުރައިބު ޖަލުގައި ހައްޔަރުކޮށްފައި ތިބި އިރާގުގެ ގައިދީންނާ މެދު، އެމެރިކާ ސިފައިން ހިންގި ޖިންސީ އަދި ޖިސްމާނީ ގޯނާތައް، މުހައްމަދު ބިން ސަލްމާން ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން، މިދިޔަ މެއި މަހުގެ ތެރޭގައި އިޒްރޭލު ސިފައިން ހަމަލާދީ މަރައިލި، ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ، އަލް ޖަޒީރާ ޓީވީގެ ނޫސްވެރިޔާ ޝީރީން އަބޫ އާގިލާގެ މަރުގެ މައްސަލައިގައި އެމެރިކާ އަށް ކުރެވޭ ތުހުމަތުތައް ވެސް، ސައޫދީ ވަލީ އަހުދު ފާހަގަކުރެއްވި އެވެ.
އެ ކަންކަން ފާހަގަކުރުމަށް ފަހުގައި، ސައޫދީ ވަލީ އަހުދު އެމެރިކާގެ ރައީސަށް ދެންނެވީ ޚާޝުގްޖީގެ މަރުގެ މައްސަލައިގައި ސައޫދީ ސަރުކާރުން އަމަލުކުރީ ޒިންމާދާރު ސަރުކާރަކުން އަމަލުކުރާނެ އެންމެ ފުރިހަމަ ގޮތުގައި ކަމަށެވެ. އަދި އެ ހާދިސާއަކީ ސައޫދީ ސަރުކާރުން ނިހާޔަތަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި، އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކާ މެދު ސައޫދީގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް މުހައްމަދު ދެންނެވި އެވެ.