ހުޅުމާލޭ ހޮސްޕިޓަލުގެ ލިފްޓުތެރެއަށް މާބަނޑު އަންހެނަކު ވިހައިފި އެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ ލިފްޓު ތެރޭގައި ވިހައީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅެމުންދާ އައިޝަތު ޝިފްނާ ކިހާ އަންހެން ކުއްޖެކެވެ.
ޝިފްނާ ވިހާފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި ޑޮކްޓަރަށް ދަށްކަން ގޮސް އުޅުމުގެ ތެރޭގަ އެވެ. ވިހައި ދަރިފުޅު ވިހެއިރުވެސް އޮތީ މަރުވެފައި ކަމަށް އޭނާގެ އާއިލާއިން ވަނީ ބުނެފަ އެވެ.
ޝިފްނާ ވިހައި ކުއްޖާ ވަނީ މަމަހުގެ 17 ވަނަ ދުވަހުގައި ވަޅުލާފަ އެވެ.
ޝިފްނާގެ އާއިލާއިން ބުނީ އޭނާ ލިފްޓުތެރެއަށް ވިހެއުމުގައި ހުޅުމާލޭ ހޮސްޕިޓަލުން އިހުމާލުވެފައިވާ ކަމަށެވެ.
އެގޮތުން އާއިލާއިން ބުނީ މިމަހުގެ 17 ވަނަ ދުވަހު ހޮސްޕިޓަލަށް ދިޔައިރު އޭނާގެ ބަނޑަށް އަށް މަހާއި ހަތަރު ދުވަސް ވެފައިވާ ކަމަށެވެ.
އަދި މިމަހުގެ ހަތް ވަނަ ދުވަހު ބްލަޑް ޕްރެޝަރ ޗެކުކުރި އިރު ބްލްޑް ޕްރެޝަރ ތަންކޮޅެއް މަތީގައި ހުރުމުން އެމަޖެންސީކޮށް ޑޮކްޓަރަށް ދައްކަން ދިއުމުން އެޕޮއިންޓްމަންޓެއް ލިބުނީ މަމަހުގެ 18 ވަނަ ދުވަހަށް ކަމަށެވެ.
އާއިލާއިން ބުނީ އެހެން ހޮސްޕިޓަލަކުންވެސް އެޕޮއިންޓްމަންޓެއް ލިބޭތޯ މަސައްކަތް ކުރި ކަމަށާއި، ނަމަވެސް އީދު ބަންދާއި ދިމާވުމުން އެހެންތަނަކުންވެސް އެޕޮއިންޓްމަންޓެއް ނުލިބުނީ ކަމަށެވެ.
އާއިލާއިން ބުނީ މިމަހުގެ 16 ވަނަ ދުވަހު ފުރަތަމަ ބަނޑަށް ތަނދުވާން ފެށި އެ ދުވަހު ޑޮކްޓަރަށް ދެއްކުމުންވެސް ބަނޑަށް ތަދުވާ ކަމަށް ބުނުމުން ވެސް ހޮސްޕިޓަލުގައި ނުބާއްވައި ގެއަށް ފޮނުވާލީ ކަމަށެވެ.
އާއިލާއިން ބުނީ އެރޭވެސް ހޮސްޕިޓަލަށް ދިޔަ ކަމަށެވެ. އަދި ބަނޑަށް ތަދުވާ ވާހަކަ ބުނުމުންވެސް ހޮސްޕިޓަލުން މާބޮޑު ސަމާލުކަމެއް ދީފައި ނުވާ ކަމަށެވެ. އަދި ލޭބާ ރޫމަށް ދާން ދިޔަ މަގުމަތީގައި ލިފްޓިގެ ތެރެއިން ވިހައީ ކަމަށެވެ.
ލިފްޓު ތެރެއަށް ވިހާފައި ވަނީ ޝިފްނާގެ ދެވަނަ ދަރިފުޅެވެ.
ޝިފްނާގެ ބަނޑަށް ފަސް މަހުގައި ހުޅުމާލޭ ހޮސްޕިޓަލުން ސްކޭން ކުރުމުން ބަނޑުގައި އޮތީ އަންހެން ކުއްޖެއް ކަމަށް ހޮސްޕިޓަލުން ކުރިން ބުނެފައިވާ ކަމަށާއި، ނަމަވެސް ވިހައީ ފިރިހެން ކުއްޖެ ކަމަށްވެސް އާއިލާއިން ވަނީ ބުނެފަ އެވެ.